ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްއެންޕީ އަންހެނުންގެ ވިންގުގެ ލީޑަރު، ދުންޔާ މައުމޫން ---

ދޫނިތައް މަރައިލި ހަބަރު ލިބުމުން ބޮޑު ޝޮކެއް ޖެހުނު: ދުންޔާ

ރާއްޖެއަށް އެތެރެކުރި ދޫނިތަކެއް މަރާލި ހަބަރާއެކު ލިބުނު ކުއްލި ހައިރާންކަމެއްގައި ބޮޑު ޝޮކެއް ޖެހުނު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްއެންޕީ އަންހެނުންގެ ވިންގުގެ ލީޑަރު، ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ރާއްޖެ އެތެރެކުރަނިކޮށް ހިފަހައްޓާފައިހުރި ދޫނިތަކެއް މަރާލި މައްސަލައިގެ ކަންބޮޑުވުން ފައުޅު ކުރައްވައި “ސަން”އަށް ދެއްވި އިންޓަވިއުއެއްގައެވެ. ދުންޔާ ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރާ ދިރޭތަކެތި މަރާލުމަށް ގަވާއިދުތަކުން ދީފައިވާ ފުރުސަތު ބަންދު ކުރާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ކުރައްވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. “އިންސާނުންނާއި ޖަނަވާރުން އަދި ދިރޭ ސޫފާސޫފި ފަދަ ތަކެއްޗަށް އަނިޔާ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އެއަށްވުރެ، ރަނގަޅު ގޮތަކަށް އެކަން ހައްލު ކުރެވުނީސް ކަންނޭނގެ،” ދުންޔާ ވިދާޅުވިއެވެ. “ގަވާއިދުގައި ދޫނިތައް ނައްތާލެވޭނެކަމަށް ގަވާއިދު ބުނި ނަމަވެސް އެއީ މަރާލަން ޖެހޭ ސަބަބެއް ނޫން. އެ ތަކެތި އެތެރެކުރި ގައުމަށް އަނބުރާ ފޮނުވާ ވެސް ލެވޭނެ ދެއްތޯ؟” ފިޝަރީޒް މިނިސްޓްރީން މަރާލައިފައިވާ ދޫނިތައް ދޫނީތައް މަރާލި މައްސަލައިގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭކަން ފާހަގަ ކުރައްވައި ދުންޔާ ވިދާޅުވީ ގާނޫނު ތަންފީޒު ކޮށްގެން މެނުވީ ދިރޭ ތަކެއްޗާމެދު ހިންގާ އެފަދަ އަނިޔާވެރި އަމަލުތަކުން އެ ތަކެތި ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. އަނިޔާވެރި ގޮތަކަށް ދޫނިތަކެއް މަރާލި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފައުޅު ކުރަމުން ގެންދާއިރު، ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން ކުރުމުގެ ފުރުސަތު މިހާރު އޮވެއެވެ. ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ގަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރެވޭ ދޫނި، ޕްލާންޓް އެންޑް ކޮރަންޓީން ސާވިސަސްއިން އަތުލައި ނައްތާލެވޭނެއެވެ. ލީތަލް އިންޖެކްޝަން ޖަހައިގެން ފިޝަރީޒް މިނިސްޓްރީން މަރާލި ދޫނިތަކުގެ އަދަދު 500އަށްވުރެ ވެސް މައްޗަށް އަރައެވެ. ދޫނިތައް މަރާލުމުގައި ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ތައްޔާރުކުރުމަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވަނީ އަންގަަވައިފައެވެ. މި މައްސަލަައިގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ދޫނިތައް މަރާލީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް، މިކަމުގައި އޭޖީ އޮފީހުން ބުނީ އެ ދޫނިތައް ރާއްޖޭން ބޭރަށް ފޮނުވާލަން ފިޝަރީޒް މިނިސްޓްރީއަށް ލަފާދިން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!