ސަލްމާން މިސްކިތް ކައިރީގައި އޮންނަ ޕާކިން ޒޯން: މާލޭގެ ފަސް ސަރަހައއްދެއްގައި ޕާކިން ބިލްޑިން އަޅަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި --- ފޮޓޯ: އަވަސް

މާލޭގެ ފަސް ސަރަހައްދެއްގައި ޕާކިން އިމާރާތް އަޅަނީ

މާލޭ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް ޕާކިން އިމާރާތްތަކެއް އަޅަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަލޭގައި ޕާކިން އިމާރާތްތައް އެޅުމަށް ބޭނުންވާ ޕްލޭން އޮތީ ފާސްކޮށް ޕާކިން އިމާރާތްތައް އެޅުމަށް ވެސް ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ. އިމަރާތްތައް އެޅުމުގެ މަސައްކަތް ކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕާކިން އިމާރާތްތައް އެޅުމަށް ބަޖެޓް ހަމަޖެއްސުމަށް ކައުންސިލަށާއި ސަރުކާރަށް ފަސޭހަ ނުވާނެ ކަމަށެވެ. އެހެންކަމުން ކައުންސިލުން އިންވެސްޓަރުން ހޯދައިގެން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ޕާކިން ބިލްޑިން އަޅަން އަދި ނިންމާފައިވަނީ މާލޭގެ ފަސް ސަރަހައްދެއްގައި އެކަނި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ޕާކިން އިމާރާތްތައް ހެދޭ ވަރަކުން މާލޭގެ މަގުތަކާއި އަދި ހުސްބިންތަކުގައި ޕާކް ކުރުމަށް ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓްތައް ހުސްކޮށް ވެހިކަލްތައް ޕާކިން އިމާރާތްތަކަށް ބަދަލުކުރަމުންދާނެ ކަމަށެވެ. އޭރުން މާލޭ ސަރަހައްދުގެ ޕާކިންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޕާކިން އިމާރާތްތަކެއް މާލެ ސަރަހައްދުގައި އެޅުމަކީ ރައީސް ސޯލިހުގެ ވެސް ވައުދެކެވެ. އެ މަސައްކަތް ކުރުމަށް 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 62.5 މިލިއަން ރުފިޔާ ވެސް ހިމެނި އެވެ. އެ މަސައްކަތަށް 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ވެސް ބަޖެޓް ކަނޑައެޅި އެވެ. ނަމަވެސް އެ މަސައްކަތް ސަރުކާރުން އަދި ފަށާފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގެ ޕާކިން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރީ މެކޭނިކަލް ޕާކިން ސިސްޓަމްތައް މެދުވެރިކޮށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލެއާއި ހުޅުމާލޭގައި ބައެއް ސިސްޓަމްތައް ބެހެއްޓި ނަމަވެސް އެތަކެތި ބޭނުންކޮށްފައެއް ނުވެ އެވެ. އަދި މާލޭގައި ބެހެއްޓި އެފަދަ ސިސްޓަމްތައް މިހާރު ވަނީ ނަގާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!