ކުރިޔަށްއޮތް 2 އަހަރު ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވާނީ ވަޢުދުތައް ފުއްދާ ނިންމުން: ރައީސް ސޯލިހު

ކުރިޔަށްއޮތް 2 އަހަރު ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވާނީ މިފަސް އަހަރަށް ސަރުކާރުން ވީ ވަޢުދުތައް ފުއްދާ ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ވަނީ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ތިލަމާލެ ކަނެކްޓިވިޓީގެ ބުރިޖާއި ހައިސްޕީޑް ފެރީ ނެޓްވޯރކް، ދަތުރުފަތުރުގެ ވިއުގައިގެ އަގުތިރިކުރުމަށް ކުރާ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހޭދުކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވަނީ މާލެ ސަރަޙައްދުގައި މިހާރު އެޅުމަށް މަސައްކަތް ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، ބިން އުފެއްދުމާއި އުފެދިފައި ހުރިބިންތައް ގުޅުވާލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!