ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އިމްރާން ވާހަކަ ދައްކަވަނީ

ރިޔާސީ ނިޒާމާ އެކު ކުރިއަށް ދާން ނުސީދާކޮށް އިމްރާން ގޮވާލައްވައިފި

2023 ވަނަ އަހަރު އޮންނަ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ނިޒާމައިގެން ކުރިއަށް ވަޑައިގަތުމަށް ނުސީދާކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. 53 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުރިއަށް ދާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ޖުމްހޫރީ ނިޒާމަކީ 1968 ވަނަ އަހަރު ޒަމާނާ ގުޅޭ ދިވެހި ވަންތަ ވެރިކަމަކަށްޓަކައި ދިވެހިން ގެނައި މުހިންމު ބޮޑު ބަދަލެއް ކަަމަށެވެ. ނަމަވެސް 2013 ވަނަ އަހަރު މި ނިޒާމުގެ ތެރެއިން ޖެހުނު “ގޮށެއް”ގެ ސަބަބުން ޖުމްހޫރީ ދުވަހަށް ވަނީ ކިލަނބުކަމެއް އައިސްފައި ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން އިޝާރާތް ކުރައްވަނީ ފެބްރުއަރީ 7، 2012ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓީ އޭރުގެ ނައިބުރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް ވެރިކަން ފުރޮޅިގެން ދިޔަ ދިޔުމަށްކަމަށް ބެލެވެއެވެ. އެ “ގޮށް” ރައީސް ސޯލިހް އަންނަ 2023 ވަނަ އަހަރު މޮށްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި އެމަނިކުފާނު ޖުމްހޫރީ ދުވަހުގެ ހައިބަތާއި ގަދަރާއި ޝަރަފު އަނބުރާ ގެނެސް ދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އޭރުން ރައްޔިތުންނަށް ޖުމްހޫރީ ވެރިކަމެއްގެ ސަބަބުން ލިބެމުންދާ އުފާވެރިކަމާއެކު ހިތްހަމަޖެހުމާއެކު ގައި ދިރިއުޅެވޭނެ ގޮތްތައް މެދުވެރިވެގެން ދާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް ބަދަލުވެ އެ ވެރިކަމުގެ ނައިބު ރައީސް އެ ވެރިކަމުގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ބަޣާވާތަކުން ވެރިކަމުން ދުރުކޮށް އަލުން ރާއްޖެ ރަސްކަމަކަށް ބަދަލުކުރިއެވެ. ނަމަވެސް އޭގެ 8 އަހަރު ފަހުން އަނެއްކާވެސް ރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވެ މިއަހަދާ ހަމައަށް ދެމި އޮތީ ޖުމްހޫރިއްޔާއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!