ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުޚާތަބު ކުރައްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މިނިމަމް ވޭޖަކީ ޖުމްހޫރީ ދުވަހުގެ ބޮޑު ހަދިޔާ: ރައީސް ސޯލިހު

ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ މަސައްކަތްތެރިންނަށް ހައްގު ލިއްބައިދީގެން ކަމަށާއި މި އަހަރުގެ ޖުމްހޫރީ ދުވަހު ސަރުކާރުން ގެނެސްދޭ އެންމެ ބޮޑު ހަދިޔާއަކީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އުފާވެރި، ވިޔަވަތި، ތާހިރު ދިރިއުޅުމަކަށް ޓަކައި އެ މީހަކު ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ލިބުމަށް ވުރެ ބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. “ނަމަވެސް އެއީ ޒަމާނުއްސުރެ ނުވެ އޮތް ކަމެއް. މި ޖުމްހޫރީ ދުވަސް ގެނެސްދޭ އެންމެ ބޮޑު ހަދިޔާ އަކީ އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ސަރުކާރުން ކަނޑައެޅި އެޅުން. މަސައްކަތްތެރިއަކަށް ދޭންޖެހޭ އެންމެ ބޮޑު ހައްގަކީ އޭނާއަށް ހައްގު އުޖޫރަ.” އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް ސޯލިހު ވިދާޅުވީ މިނިމަމް ވޭޖް ތަންފީޒުވުމުން އޭގެ ހެޔޮ ބަދަލު ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ ކަމަށެވެ. “އެންމެ ބޮޑު ބަދަލެއް، ނުވަތަ ރަނގަޅެއް ފެނިގެންދާނީ،ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް.” ރައީސް ސޯލިހު ވިދާޅުވިއެވެ. މިނިމަމް ވޭޖްގެ ވައުދު ފުއްދުމުގެ މަސައްކަތް ސަރުކާރުން ކޮށްފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހު ކަމަށާއި އެ މަޝްވަރާތަކުގައި މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ ހުށަހެޅުންތައް ލިބުނު ކަމަށެވެ. “މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މަސްލަހަތާއި ހައްގުތަކަށް ސަރުކާރުންވިސްނިން. އެކަށީގެންވާ މުސާރައެއް ކަނޑައަޅާއިރު ވިޔަފާރިތައް ފުނޑި ބަނގުރޫޓްވިޔަ ނުދިނުމަށްވެސް ސަރުކާރުން ވިސްނިން. އޭގެ މައްޗަށް ބިނާކޮށް، މިހާރު މިވަނީ ފުރަތަމަ ފަހަރަށް، މިނިމަމް ވޭޖް ކަނޑައަޅާފައި. މިއީ ދިވެހި ތާރީހުގައި މަސައްކަތްތެރިންނަށް ޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގާ.” ރައީސް ސޯލިހު ވިދާޅުވިއެވެ. މިނިމަމް ވޭޖު ކަނޑައެޅުމުން އެންމެ ރަނގަޅު ބަދަލެއް އަންނާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކަނޑައެޅި މިނިމަމް ވޭޖާ މެދު ހިތްހަމަ ނުޖެހިގެން، ބައެއް ރިސޯޓު މުވައްޒަފުން ވަނީ މިފަހުން އިހުތިޖާޖު ވެސް ކޮށްފައެވެ. ރިސޯޓު މުވައްޒަފުން އިހުތިޖާޖު ކުރަނީއިތުރަށް ވިދާޅުވުމަށް މިނިމަމް ވޭޖު ބޯޑުން، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅަން ސަރުކާރަށް ލަފާދިނީ ގަޑިއިރަކަށް 42.72އެވެ. އެއީ މަހަކު 8900 ރުފިޔާއެވެ. އެހެން ނަމަވެސް އިއްޔެ ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅިއިރު އެ އަދަދު ވަނީ ކުޑަކޮށްފައެވެ. ސަރުކާރުން ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 8000 ރުފިޔާއެވެ. މިނިމަމް ވޭޖު އާންމު ކުރުމާއެކު ސޯޝަލް މީޑިއާގައި ރިސޯޓު މުވައްޒަފުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!