ޑރ. އައްލާމާ މުހައްމަދު އިގްބާލުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ސަފީރާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން---

އިރުމަތީގެ އެންމެ މޮޅު އެއް ޅެންވެރިޔާ ޑރ. އައްލާމާ މުހައްމަދު އިގުބާލުގެ ޒިކުރާ އައުކޮށްފި

އިރުމަތީގެ އެންމެ އުފެއްދުންތެރި އެއް ޝާއިރު ކަމުގައިވާ ޑރ. އައްލާމާ މުހައްމަދު އިގްބާލުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ސަފީރާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ރޭ އިސްކަންދަރު ސްކޫލު ހޯލުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން، އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޑރ. އައްލާމާ މުހައްމަދު އިގްބާލުގެ ޒިކުރާ އައު ކުރުމުގެ ގޮތުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އިގްބާލުގެ ޅެންވެރިކަމާއި އިލްމުވެރިކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މިނިސްޓަރުގެ ވާހަކަފުޅުއިގައި އޭނާގެ ހަޔާތުގެ ފަލްސަފާގެ މައްޗަށް ވެސް ވަނީ ބައްލަވާލައްވާފައެވެ. އެ ރަސްމިއްޔާތުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް އަތުހަރު މުހުތާރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަނިކުފާނު ދެއްކެވި ވާހަކައިގައި އިގްބާލު ފަދަ ޝަހުސިއްޔަތުތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށް ފާހަގަ ކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިކަހަލަ ހަފުލާތަކުގެ ސަބަބުން ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ފާހަގަވާ ކަމަށެވެ. ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން އިގްބާލުގެ ޅެންވެރިކަމުގެ ތެރެއިން “ޝާހީން”ގެ މައްޗަށް ބައްލަވައިލައްވާ، ވާހަކަ ދެއްކެވިއެވެ. މި ރަސްމިއްޔާތު އިތުރަށް ފުރިހަމަ ކޮށްދިނީ އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ހުށަހަޅައިދިން ޅެމަކުންނެވެ. އެއީ އިގްބާލުގެ ޅެންވެރިކަމުގެ ތެރެއިން ފާހަގަ ކޮށްލެވޭ ޅެމެއް ކަމުގައިވާ “ބައްޗޭކީ ދުއާ”އެވެ. ޣާޒީ ސްކޫލްގެ ދަރިވަރެއްވެސް ވަނީ އިގުބާލުގެ ޒިކުރާ އައު ކޮށް އޭނާގެ ޅެންވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. މީގެ އިތުރުން ޕާކިސްތާނު ސަފީރުގެ ނައިބު ޒުލްގަރުނައިންގެ ވާހަކައިގައިވެސް ވަނީ އޭނާގެ ޅެންވެރިކަމާއި ފަލްސަފާވެރިކަމަށް އަލިއަޅުވާލައްވާފައެވެ. އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ޕާކިސްތާނު ރައްޔިތުންނާއި ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!