ހަކުރުބައްޔަށް ހޭލުންތެރިކުރަން ޑައެބެޓީސް ސެންޓަރުން ފުވައްމުލަކަށް ދަނީ

ހަކުރުބައްޔާމެދު މީހުން ހޭލުންތެރިކުރުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ޑައެބެޓީސް ސެންޓަރު (އެންޑީސީ)ން ފުވައްމުލަކު ސިޓީއަށް ދިއުމަށް ނިންމައިފިއެވެ. ހަކުރުބައްޔަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވާހާ ދިމާކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ “އެކްސެސް ޓު ޑައެބެޓީސް ކެއަ” އެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަސް ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، މި އަހަރުގެ މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެންޑީސީން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މާދަމާ އެ ސިޓީއަށް ދިއުމަށް ނިންމާފައިވާ ޓީމުގައި ޑޮކްޓަރުންނާ ނަރުހެއް ހިމެނޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މި ދަތުރުގައި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެ ސިޓީގެ ސްކޫލުގެ އިސްވެރިންނާ ގުޅިގެން ގިނަ ކަންކަން ކުރުމަށް ރާވައިފައިވެއެވެ. އަދި ސްކޫލުތަކުގައި މި ބައްޔަށް ދަރިވަރުންނާ މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ އެ ސިޓީގެ ހަތަރު ސްކޫލެއްގައެވެ. އެއީ ހާފިޒް އަހުމަދް ސްކޫލާއި އަތޮޅު އެޑިއުކޭޝަން ސެންޓަރާއި މުހައްމަދު ޖަމާލުއްދީން ސްކޫލްގެ އިތުރުން ފުވައްމުލަކު ސްކޫލުގައެވެ. މީގެ އިތުރުން ޓެލެމެޑިސިންގެ ހިދުމަތަށް ހާއްސަ ކްލިނިކެއް ތައާރަފުކުރުމާއި ބައްޔަށް މީހުން ހޭލުންތެރި ކުރުވުމުގެ ސެޝަނެއް އާންމުންނަށް ހިންގުމާއެކު ދުވަހާ ގުޅިގެން ހާއްސަ ދުވުމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު މި ދުވަހާ ގުޅިގެން ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ރާވާފައިވާއިރު މޯލްޑިވްސް ސޮސައިޓީ އޮފް އިންޓަނޭޝަނަލް މެޑިސިން އަދި އެންޑީސީ ގުޅިގެން ފުވައްމުލަކު ސިޓީގެ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ސިންޕޯޒިއަމްއެއް ވެސް ކުރިއަށް ގެންދިއުމަށް އައިޖީއެމްއެޗުން ވަނީ ނިންމައިފައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ އިތުރުން ހަކުރުބައްޔާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އަދި ދިރާސާތައް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންޑީސީން މީގެ ކުރިންވެސް މިފަދަ އައުޓްރީޒް ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. އެންޑީސީގެ މަގްސަދަކީ މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރި ކުރުވުމާއި މި ބަލީގައި ދިމާވާ ތަކުލީފުތައް ވީހާވެސް ބޮޑަށް މީހުންނަށް އެނގޭނެ ގޮތް މެދުވެރި ކޮށްދިނުމެވެ. އަދި ބަލިމީހުންނަށް ލުއިފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި ސެންޓަރުގެ މަގްސަދެކެވެ. އެ ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާ ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލު ކުރާ މީހުންގެ ކެއުން ބަހައްޓާނެ ގޮތާ މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނެއެވެ. މީގެ އިތުރުން މި ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށް ފަހު އެނބުރި އަންނައިރު ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!