މާލޭގައި ބަޔަކު މުދާ އުފުލަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ކަސްޓަމްސް އިން ކަނޑައަޅާ ޑިކްލަރޭޝަން ބާތިލް ކުރުމަށް 1000ރ ގެ ފީއެއް ނަގަނީ

ކަސްޓަމްސްގެ ހުއްދަނެތި އެއް މުދަލަކަށް އެއް ޑިކްލެރޭޝަނަށް ވުރެ ގިނަ ޑިކްލަރޭޝަން ހުށަހަޅާނަމަ، ކަސްޓަމްސް އިން ކަނޑައަޅާ ޑިކްލަރޭޝަން ބާތިލްކުރުމުގެ ގޮތުން، މުދަލުގެ ވެރިފަރާތުން 1،000ރ. ގެ ފީއެއް ދައްކަން ޖެހޭ ގޮތަށް ނިންމައިފިއެވެ. އެގޮތަށް ނިންމައި ކަސްޓަމްސް އިން މިއަދު ކުރި އިއުލާނުގައި ބުނީ، އެ އިދާރާއިން ކަނޑައަޅާ ޑިކްލަރޭޝަން ބާތިލް ކުރުމުގެ ގޮތުން، މުދަލުގެ ވެރިފަރާތުން ޑިކްލަރޭޝަން ބާތިލް ކުރުމުގެ ފީ ދައްކަން ޖެހޭނީ އެ ޑިކްލެރެޝަނެއް ހުށަހެޅި ކަސްޓަމްސްގެ ބްރޯކަރަކަށް ކަމަށާއި، ނަމަވެސް ތަފާތު ދެ ބްރޯކަރުން މެދުވެރިކޮށް ޑިކްލަރޭޝަން ހުށަހަޅައިފި ނަމަ، ފީ ދައްކަންވާނީ އެ މުދަލުގެ ކޮންސައިނީ ކަމަށެވެ. އެކަމަކު ކަސްޓަމްސްގެ ބްރޯކަރެއް މެދުވެރިނުކޮށް މުދަލުގެ ވެރިފަރާތުން އަމިއްލައަށް އެއް ޑިކްލެރޭޝަނަށް ވުރެ ގިނަ ޑިކްލަރޭޝަން ހުށަހަޅައިފި ނަމަ، ފީ ދައްކަން ޖެހޭނީ މުދަލުގެ ވެރިފަރާތުން ކަމުގައިވެސް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި އެއް ޑިކްލެރޭޝަނަށް ވުރެ ގިނަ ޑިކްލަރޭޝަން ހުށަހަޅާ ހާލަތްތަކުގައި ބާތިލްކުރާނީ އެ އިދާރާގެ ގާނޫނަށް ބަލާއިރު ރަނގަޅު ނޫންގޮތަށް ހުށަހަޅާފައިވާ ޑިކްލަރޭޝަންތައް ކަމަށާއި، މި ޑިކްލަރޭޝަންތަކަށް ޑިއުޓީ ދަށްކާފައިވާނަމަ، ކަސްޓަމްސް އިން ގަބޫލުކުރި ޑިކްލަރޭޝަން ފިޔަވައި ބާތިލްކުރި ޑިކްލަރޭޝަންތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ރީފަންޑުކޮށްދޭނެއެވެ. މިގޮތުން، ކަސްޓަމްސް އިން ހުއްދަ ހޯދުން ކަމުގައި ބަލާނީ ލިއުމުން ނުވަތަ އޮންލައިންކޮށް ހުށަހަޅައިފި ނަމަ ކަމަށާއި، މިގޮތުން މުއާމަލާތް ކޮށްފައިވާ ލިއުމެއް ނުވަތަ އީމެއިލެއްވިޔަސް އެ ޑިކްލެރޭޝަނަކާއި އެކު ހުށަހަޅަންވާނެ ކަމަށެވެ. އެހެންކަމުން މުދަލުގެ ޑިކްލަރޭޝަން ހުށަހަޅާއިރު، މުދަލުގެ މައުލޫމާތު ރަނގަޅަށް ސާފު ކުރުމަށްފަހު ހުށަހެޅުމަށާއި، އެއް ޑިކްލެރެޝަނަށް ވުރެ ގިނަ ޑިކްލަރޭޝަން ހުށަހަޅާނަމަ ކަސްޓަމްސް އަށް އަންގަންވެސް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!