އެޗްއާރްސީއެމްގެ ރައީސް މުނާ (ކ) ގައި އަދި ނައިބް ރައީސް އަދުހަމް (ވ)ގައި

އެޗްއާރްސީއެމްގެ ވެރިންނަށް މުނާއާއި އަދުހަމް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްގެ މަގާމަށް މ. ބާރަނާގެ މަރިޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް މއ. މާވެޔޮގެ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އައްޔަންކުރައްވައިފި އެވެ.

އެޗްއާރްސީއެމް ރައީސަކަށް މުނާ އަދި ނައިބު ރައީސަކަށް އަދުހަމް އައްޔަންކުރައްވާފައި މިވަނީ އެ ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިިދިޔަ މަހުގެ 14 ވަނަ ދުވަހު ރުހުން ދިނުމާ ގުޅިގެންނެވެ.

މުނާ ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ.

އެޗްއާރްސީއެމްގެ މެންބަރަކަށް އައްޔަންކުރުމުގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިން އެންޑް އިންޓަނޭޝަނަލް ޓްރޭޑިންގެ ކޯޕަރޭޓް ސެކްރެޓަރީގެ މަގާމުގަ އެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސް މަގާމުތައް ފުރުއްވާފައިވެ އެވެ.

އިންޓަނޭޝަނަލް ލޯގެ ދާއިރާ އިން ޑރ. އަދުހަމް ޕީއެޗްޑީ ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަސިޓީ އޮފް ވޮލޮންގޮންގް އިންނެވެ.

އަދުހަމް މީގެކުރިން ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ލެކްޗަރައެއްގެ މަގާމާއި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން އަދުހަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!