މާލޭގެ މޭޔަރު މުހައްމަދު އަރިހުގައި މުޖުތަބާ. އޭނާ އިއްޔެ ވަނީ ސިޓީ ކައުންސިލްގެ އެސްޖީ ކަމާ ހަވާލުވެވަޑައިގެންފައި -- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުޖުތަބާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް މުޖުތަބާ ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލުމަށް ސިވިލް ސާވިސް ކޮމިޝަނުން ހުޅުވާލުމުން ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިންނެވެ.

މަޖުތަބާ މަގާމަށް ހަމަޖެއްސުމާ ގުޅިގެން އޭނާ ވަނީ އިއްޔެ އިން ފެށިގެން އޮފީހަށް ނިކުންނަވަން ފައްޓަވާފަ އެވެ.

މާލެ ސިޓީ ކައުންސިލްގައި އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ އަގުލަބިއްޔަތު އޮތް އިރު މުޖުތަބާ އަކީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުޖުތަބާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރައްވާފަ އެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަނީ އެ މީހަކު އައްޔަންކުރާ ކައުންސިލްގެ ލަފާ ވެސް ހޯދުމަށްފަހު ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ކައުންސިލްތަކަށް ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނަރަލުންގެ ތެރެއިން ސިޓީ ކައުންސިލްތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނަރަލުންނަށް މަހަކު 35،500 ރުފިޔާ ލިބޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!