ޓްރެފިކް ފުލުހުން، ހިންގި އޮޕަރޭޝަންއެއްގައި ސައިކަލެއް ޗެކް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސައިކަލް ދުއްވި 2،697 މީހަކަށް ފިޔަވަޅު އަޅައިފި

މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ސައިކަލް ދުއްވައިގެން މިއަހަރުގެ މިހާތަނަށް 2,697 ފަރާތަކާމެދު ފުލުހުން ފިޔަވަޅު އަޅައިފިއެވެ. ފުލުހުން “ސަން”އަށް ހިއްސާ ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ނޮވެމްބަރުމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ބާރު ސްޕީޑްގައި ސައިކަލް ދުއްވި، 2697 މީހަކަށް ފިޔަވަޅު އެޅިއިރު ކަނޑައެޅިފައިވާ ސްޕީޑަށްވުރެ، މަޑުން ދުއްވައިގެން އެކަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސީ ގަވައިދާއި ހިލާފުވެގެން 100 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު، ޓްރެފިކް ނިޝާންތަކާ ހިލާފުވެގެން 199 މީހުންނަށް ފިޔަވަޅު އަޅާފައިވެއެވެ. ދުވާރުމަތީގައި އެއްގަމު އުޅަނދު ދުއްވުން، ނުވަތަ ޕާކް ކޮށްގެން 30 މީހުންނަށް މީހުންނަށް ފިޔަވަޅު އެޅިއިރު ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ފިޔަވަޅު އެޅި މީހުންގެ ޖުމުލަ އަދަދަކީ 435 އެވެ. މަގު ހުރަސްކުރާ މީހުންނަށް ޖާގަ ނުދީ ކަފިހިހުރަސް މަތިން އުޅަނދު ދުއްވައިގެން 16 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު، މަގަށް ދަތިވާ ގޮތަށް އެއް ހަމައެއްގައި ދުއްވައިގެން 18 މީހުންނަށް ފިޔަވަޅު އެޅިއެވެ. ފުލުހުން ހިއްސާ ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެއްގަމު އުޅަނދު ދުއްވުމުގައި މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާއަށް ނުރައްކާވާ ގޮތަށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން ވަނީ ޖުމުލަ 31 މީހަކަށް ފިޔަވަޅު އަޅާފައެވެ. މި އަދަދު ތަކާއެކު މި އަހަރުގެ މިހާތަނަށް ޓްރެފިކް ގަވައިދާއި ހިލާފުވެގެން ފުލުހުން ޖޫރިމަނާ ކޮށްފައިވާ އަދަދީ 3،537 އެވެ. ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު “ސަން”އަށް ވިދާޅުވީ ފާއިތުވީ 313 ދުވަސް ތެރޭގައި މާލެ ސިޓީގެ ކަފިހިހުރަސް ތަކަށް ހާއްސަކޮށްގެން ފުލުހުން ދުވާލަކު އެވްރެޖްކޮށް ދެ ގަޑިއިރު ޓްރެފިކް ބަލަހައްޓާފައިވާއިރު 3،756 މީހުންނަށް ނަސޭހަތް ދިން ކަމަށެވެ. ސައިކަލު ސައިލެންސަރު މޮޑިފައިކޮށްގެން “ބިރުވެރިކަން އުފެދޭގޮތަށް” ސައިކަލް ދުއްވާ މައްސަލަ އާއްމުވެފައިވާއިރު، ސަމީރު ވިދާޅުވީ މޮޑިފައި ސައިލެންސަރު ހަރުކޮށްގެން އުޅަނދު ދުއްވުމަކީ ގަވާއިދު ބުނާ ގޮތުގައި މަނާ ކަމެއް ކަމަށާއި އެހެންކަމުން އެފަދަ އުޅަނދު ފަހަރު ހިފެހެއްޓުމަށްފަހު ޓޯވް ކުރަމުން އަންނަ ކަމަށެވެ. “މޮޑިފައިޑް ސައިލެންސަރު ހަރުކޮށްގެން ދުއްވާ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ އުޅަނދު 30 ދުވަހަށް 15 ދުވަހަށް ހިފެހެއްޓުމުގެ ބާރު ގާނޫނުން އެބަ ލިބޭ. މިހާރުވެސް އެ ގޮތަށް ގެނެވިފަހުރި ސައިކަލްތައް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ ޓޯ ކޮށްފަ އެބަހުރި،” ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވި މައްސަލަތަކާއި ލައިސަންސް ނެތި ދުއްވި މައްސަލަތަކުގެ އިތުރުން އޯޕަން ސައިލެންސަރު އަޅުވައިގެން ދުއްވި މައްސަލައިގައި 500 އެއްހާ ސައިކަލް މިވަގުތު ވެސް ޓޯ ޔާޑުގައި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މާލެ ސިޓީގެ ޓްރެފިކް މައްސަލަތައް ހައްލު ކުރުމަކީ ފުލުހުންގެ އެކަނި މަސައްކަތުން ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އާއްމު ރައްޔިތުން ވެސް އެމީހުންގެ ފަރުދީ ޒިންމާ އަދާކޮށްފިނަމަ އެފަދަ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތަށް ފަސޭހަވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!