މާލޭގައި މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއް -- އަވަސް ފައިލް ފޮޓޯ

ނައިޓް މާކެޓަށް ހުއްދަ ދެނީ

މާލެ ސަރަހައްދުގައި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމަށް ބޭނުންވާ މީހުންނަށް ސިޓީ ކައުންސިލުން އެފުރުސަތު ހުޅުވައިލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގައި ނައިޓް މާކެޓް ބޭއްވުމުގެ އުސޫލާ އެއްގޮތަށް ބޭއްވުމުގެ ހުއްދައަށް އެދި ފޯމު ހުށަހެޅުމަށް މިހާރު ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ. އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުންވާ މީހުން ފޯމު ހުށަހަޅާއިރު ވިޔަފާރީގެ ރަޖިސްޓްރީ އާއި މާކެޓް ބާއްވާން ބޭނުންވާ މުއްދަތު ފެށޭ އަދި ނިމޭ ތާރީހު ހިމެނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. އަދި މާކެޓް ބާއްވަން ބޭނުންވާ ތަނުގެ މައުލޫމާތު އެނގޭ ލިޔުންތަކާއި މާކެޓް ހިންގުމުގައި ޒިންމާވާ ފަރާތުގެ މައުލޫމާތާ އެކީ ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ “ފެއާތަކާއި ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ބޭއްވުމުގެ އުސޫލު” ގައި ބުނެފައިވާ ގޮތުން ނައިޓް މާކެޓުތަކުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރާއްޖޭގައި މިހާތަނަށް ނައިޓް މާކެޓުތައް ހާއްސަވެފައިވަނީ އާއިލާތަކާއި ރަހުމަތެރިން އެއްވެގެން ހާއްސަ މުނާސަބަތުތަކާ ދިމާކޮށް މުދާ ވިއްކާ ބާޒާރު ތަކެއްގެ ގޮތުގަ އެވެ. މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން އިމްޕޯޓް މުދާ ވިއްކަން ފެއާތަކާއި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ބޭއްވޭނީ ހާއްސަ މުނާސަބަތަކާ ދިމާކޮށެވެ. މިގޮތުން މި ފަދަ މާކެޓުތައް ބޭއްވޭނީ ފާހަގަ ކުރެވޭ މުނާސަބަތެއްގައި އަހަރު އެއް ފަހަރު އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!