ދ. މީދޫ ކައުންސިލުން އެ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުއާ ބައްދަލު ކުރެއްވުން --

ދ. މީދޫ ކައުންސިލުން، ދާއިރާގެ މެންބަރާ ބައްދަލުކޮށްފި

ދ. މީދޫ ކައުންސިލުން އެ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާ ބައްދަލު ކޮށްފިއެވެ. އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް “ސަން”އަށް ވިދާޅުވީ ރަށު ތަރައްގީއަށް ކުރަންޖެހޭ މުހިންމު ބައެއް ކަންކަމާ ގުޅިގެން މިއަދު މީދޫ ދާއިރާގެ މެމްބަރާ މަޝްވަރާ ކުރި ކަމަށެވެ. ނަސީމް ވިދާޅުވީ ރަށުގެ ބަނދަރުގައި މިހާރު ހުރި މައްސަލަތަކާއި އިތުރަށް ރަނގަޅު ކުރަން ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ބަނދަރުގެ ނެރު ބަދަލުކުރުމާއި ބޭރުތޮށި އުސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަނދަރު ކޮޅުގައި ކުދި ޑިންގީފަދަ ތަކެތި އެޅޭނެގޮތަށް އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން، އަލަށް ގެވަޅު ދޫކުރާ ސަރަހައްދަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފެށުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. އަދި މީދޫގައި ހައުސިން ޔުނިޓުތަކެއް އެޅުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އެ ރަށުގައި އިޖުތިމާއީ މަރުކަޒެއް އެޅުމުގެ މަސައްކަތާ ގުޅޭ މަޝްވަރާ ވެސް ކުރިއެވެ. މިއަދު މަޝްވަރާ ކުރި ކަންކަމާ ގުޅިގެން ސިޔާމް ވަނީ އެކަންކަން ކުރުމަށް ސަރުކާރަށް ބާރުއަޅައި، އެކަމުގައި އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓު ބަހުސްތަކުގައި އެ ކަންކަން ފާހަގަ ކުރައްވާނެކަމުގެ ޔަގީންކަން ސިޔާމް ދެއްވިއެވެ. “ސަރުކާރުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެރުވި. އަދި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްތަކުގައި މި ކަންކަން ފާހަގަ ކުރަައްވާނެ ކަމުގައި ވިދާޅުވި،” ނަސީމް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ރަށުގެ ފަޅު ކޮނުނުއިރު ވަކިން ހިއްކާފައި އޮތް ސަރަހައްދު ހެޔޮގޮތުގައި ބޭނުން ހިފުމަށް ވެސް ސިޔާމް ވަނީ ކައުންސިލަށް ލަފާ އަރުއްވައިފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!