ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --

ނިޒާމީ ވޯޓް ނަގާނީ 2022 ނޮވެންބަރުގައި: ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެެއް އަންނަ އަހަރުގެ ފަހުކޮޅު ނަގާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ނަޝީދު މިފަދަ އިޝާރާތެއް ކުރެއްވީ އެމަނިކުފާނު ރަައީސްކަން ކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓް ނެގުން އަންނަ އަހަރުގެ ނޮވެންބަރު ގައި އޮންނާނެ އެވެ. އަދި އެ ވޯޓަށް ސިޔާސީ ޕާޓީތަކުން އެއްބަަސްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2022 ގައި ވޯޓް ނެގި ނަމަވެސް ރަސްމީކޮށް ބަރުލަމާނީއަށް ފުރޮޅާލާނީ 2023 ގައެވެ.

އެ މަސައްކަތް އެމްޑީޕީން ކުރަަންޖެހޭ ސަބަބުވެސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ. ވިދާޅުވީ ރައީސް ސޯލިހްއާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށްވުރެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ. މެންބަރުން އެކަމާ ވިސްނާ ވަޑައިގަތުމަށްވެސް ނަޝީދު އެދިވަޑައިގަތެވެ.

“މިކަމުގައި ގައުމީ މަޖިލީސް ބައިބައިނުވުން ވަަރަށް އެދެން،” ރާއްޖޭގެ ވެރިކަން ބަަރުލަމާނީ ނިޒާމަކަށް ފުރޮޅާލާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަަމަށް އަމިއްލަފުޅަށްވެސް ވިދާޅުވި ނަޝީދުގެ މެސެޖްގައި ވެއެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކާއެކުވެސް އެ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. ނަމަވެސް އެ ޕާޓީތަކުން ނަޝީދުގެ ހުށައެޅުމަށް ޝައުގުވެރިކަމެއް ނުދެއްވައެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!