އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުން ލޭގެ ޓެސްޓު ނުހެދޭތީ އޭޑީކޭ ހޮސްޕިޓަލަށް ބާރު ބޮޑުވެއްޖެ

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗްގައި ލޭގެ ޓެސްޓު ހެދުން ވަގުތީ ގޮތުން މެދުކެނޑުމުން އޭޑީކޭގެ ލެބޯޓަރީއަށް ބާރު ބޮޑުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އޭޑީކޭގެ މިޑީއާ އޮފިޝަލަކު “ސަން”އަށް ވިދާޅުވީ ރެއިން ފެށިގެން އެ ހޮސްޕިޓަލަށް ބާރު ބޮޑުވުމުގެ ސަބަބުން، އޭޑީކޭގެ ލެބޯޓަރީގައި މަސައްކަތް ކުރަން މިހާރު އިތުރު މުވައްޒަފުން ނެރެފައިވާ ކަމަށެވެ. އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެ އެ ހޮސްޕިޓަލުގެ އެލިނިޓީ ސީއެލް މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ލޭގެ ޓެސްޓު ހެދުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެ މައްސަލަ ދިމާވީ އައިޖީއެމްއެޗްގެ ލެބޯޓަރީގައި އައުޓް ޕޭޝަންޓުންނަށް ލޭގެ ޓެސްޓު ހަދާ މެޝިންތަކަށެވެ. އެހެންކަމުން އައުޓް ޕޭޝަންޓުންނަށް ލޭގެ ޓެސްޓު އަދި އެހެނިހެން ހޮސްޕިޓަލްތަކުން ފޮނުވާ ލޭގެ ޓެސްޓު ހެދުން ވަނީ ވަގުތީ ގޮތުން ހުއްޓައިލައިފައިއެވެ. މީގެ އިތުރުން އިއްޔެ ޓެސްޓު ހެދުމަށް ސާމްޕަލް ނެގި މީހުންގެ ޓެސްޓު ނުހެދި ވާކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ. އެހެންކަމުން، މި ޓެސްޓުތައް ހެދުމުގެ އިންތިޒާމް ހަމަ ޖައްސަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު “ސަން”އަށް ވިދާޅުވީ މި ދިމާވި މައްސަލަ ހައްލު ކުރުމަށް އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކާއި އެ މައްސަލަ ހައްލު ކުރެވޭނީ އިރެއް އަދި ޔަގީން ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!