ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް-- ފޮޓޯ/ މަޖިލިސް

އަންނަ އަހަރުގެ ބަޖެޓުން ހާމަވަނީ ސަރުކާރުގެ އިހުލާސްތެރިކަން: ސަނީފް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅައިފައިވާ ބަޖެޓުން ހާމަވަނީ މި ސަރުކާރުގެ އިހުލާސްތެރިކަން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ. ސަނީފް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އެހެން ގިނަ މެންބަރުންނެކޭ އެއް ފަދައިން ސަނީފް ވެސް ވަނީ ބަޖެޓަށް ތާއީދުކުރައްވާ، ބަޖެޓުގެ ފުރިހަމަކަމުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ސަނީފް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ރަށްރަށަށް ކޮށްދިނުމަށް ހިމެނި ގިނަ ކަންކަން، ކޮވިޑް-19ގެ ސަބަބުން ނުކޮށްދެވިވާ ކަމަށެވެ. އެ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓަށް އެ ބައި ލާން ޖެހުނުކަން ފާހަގަކޮށް ސަނީފް ވިދާޅުވީ، އެއީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. ހަމައެހެންމެ މިއަހަރުގެ ބަޖެޓަށް ވުރެ، އަންނަ އަހަރުގެ ބަޖެޓު ކުޑަ ކަމަށް ސަނީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ސަރުކާރުގެ އިހުލާސްތެރިކަން ހާމަވާ ކަމެއް ކަމަށެވެ. “އެއީ މީގެން އެނގޭ ގޮތުން، މިކަމުން ސާބިތުވާ އެއް ހެއްކަކީ ސަރުކާރުގެ ނިޔަތް ތެދުވެރިކަން. އެއީ 2022 ވަނަ އަހަރު ނިމި، 2023 ވަނަ އަހަރަކީ ދިވެހި ސަރުކާރު ބޮޑު އިންތިހާބަކަށް، އެމްޑީޕީ ވެސް ޕީޕީއެމް ވެސް، މި ހުރިހާ ޕާޓީތައް ބޮޑު އިންތިހާބަކާ ކުރިމަތިލާނެ އަހަރެއް،” ސަނީފް ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު އިންތިހާބު ބޯމަތިވެފައިވާނޭ ނަމަވެސް ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ކޮށްފައިވާ ކަންކަމަކީ ދައުލަތުގެ އިހުލާސްތެރިކަން ހާމަވާ ސަބަބުތަކެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!