އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސްއާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

މުރައިދޫގެއަށް ކަނޑައަޅާ މުވައްޒަފުންގެ އުސޫލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށްޓަކައި ދައުލަތުން ހަމަޖައްސާފައިވާ މ. މުރައިދޫގެއަށް ކަނޑައަޅާ މުވައްޒަފުންގެ އުސޫލު މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ މުވައްޒަފުންނާ ގުޅޭ އުސޫލު ދިރާސާކުރުމެވެ.

އެ މަސައްކަތުގައި ހިމެނޭ ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ މުވައްޒަފުންގެ އޮނިގަޑަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން އޮނިގަނޑުގައިވާ އެއް މަގާމު އުނިކުރަން ކޮމިޓީން ނިންމި އެވެ.

މީގެއިތުރުން މަޖިލީހުގެ އެސިސްޓެންޓް ސާޖެންޓް އެޓް އާމްސްގެ މަގާމުގެ ކްލެފިކޭޝަން ބަދަލުކުރުމަށް ވެސް ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވި އެވެ. އެކަމަކު ކޮމިޓީން އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން އެމްއެންޑީއެފްއާއި މަޝްވަރާކުކުރުމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ ބައްދަލުވުން ކުރިއަށް ގެންދަން ކޮމިޓީން ނިންމި އެވެ.

ބައެއް ބަދަލުތަކާ އެކު މުވައްޒފުންނާ ގުޅޭ އުސޫލު ކޮމިޓީން މިއަދު ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މައިގަނޑު މަޝްވަރާތައް މިއަދު ކުރިއަށް ގެންދިޔައީ މައިކްތައް ނިއްވާލައިގެން ކަމަށްވެފައި ކޮމިޓީގެ މުގައްރިރާ ގުޅޭ ގޮތް ނުވާތީ މިއަދުގެ ބައްދަލުވުމާ ގުޅޭ ބައެއް މައުލޫމާތު ލިބިފައެއް ނުވެ އެވެ. ކޮމިޓީގެ ނައިބް މުގައްރިރާ ގުޅުނު ނަމަވެސް މިއަދު ބައްދަލުުވުމަށް ވަޑައިނުގަންނަވާތީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދިޔަ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މަޖިލީހުން އާންމުކުރި ފޮޓޯތަކުގައި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބް މުގައްރިރު އިންނެވި އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރަމުން ގެންދަނީ ސިފައިންގެ ސިފްކޯގެ ފަރާތުންނެވެ. މަރާމާތުގެ މަސައްކަތްތައް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން މިދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް ދިރިއުޅުއްވުމަށް ހަމަޖައްސާފައިވަނީ ރެހެންދި ފްލެޓްގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވި އެޕާޓްމަންޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!