ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ ޕައިލެޓުން ޑޯނިއާ ދުއްވުން އަރާ/ ފޮޓޯ: އެމްއެންޑީއެފް

އެންމެ ފަހުން ދިވެހި ޕައިލެޓުން ޑޯނިޔާ ދުއްވަން އަރުވައިފި

އެންމެ ފަހުން ދިވެހި ޕައިލެޓުން ޑޯނިޔާ މަތިންދާ ބޯޓު ދުއްވަން އަރުވައިފިއެވެ. އެމްއެންޑީއެފްގެ ޕައިލެޓުން ޑޯނިއާ ދުއްވަން އެރިކަން ހާމަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އަސްކަރީ ޑޯނިއާ އެއާކްރާފްޓްގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ ޕައިލެޓުން އުޑުމައްޗަށް އެރި ތާރީހީ ވަގުތުކޮޅެއް ކަމަށެވެ. ޝަމާލް ވަނީ މިފަދަ ބޭނުންތެރި އަދި ތަފާތު އޭރިއަލް ޕްލެޓްފޯމްތަކުގައި އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީނު ކޮށްދިން ކަމަށްޓަކައި އިންޑިއާ ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ. ތަމްރީން ހެދި ސިފައިންގެ 3 ޕައިލެޓުންނަށް ޑޯނިއާއަށް މި އެރުނީ ތަމްރީނު ހަދާ އުދުހެން ދީފައި އޮތް މުއްދަތު ހަމަވާން ކައިރިވި އިރުވެސް ޑޯނިއާއަށް އަރުވާފައި ނުވާތީ އެކަމުގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ކަން ފާހަގަ ކުރެވެއެވެ. މި މައްސަލަ ބޮޑުވެފައި އޮއްވާ 3 ސިފައިން އިތުރު ޓްރޭނިންން އަށް އިންޑިއާއަށް ވެސް ފޮނުވިއެވެ. އެ ޓްރޭނިން ކޯސް ނިމި މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ވަނީ ބައިވެރިންނަށް ސެޓްފިކެޓުވެސް ހަވާލު ކޮށްފައެވެ. އޭގެ ފަހުން 3 މަހާއި ގާތްވެފައި ވާއިރު ޑޯނިއާ ދުއްވަން އަރުވާފައި ނުވާތީ އާއި އެމީހުން ފްލައި ކުރަން އަރަން ޖެހޭ މުއްދަތު ހަމަވާން ގާތްވެފައި ވުމާއެކު، އޭގެ ތެރެއިން އެއް ޕައިލެޓަކު ވަނީ މަންތާ އެއާއާ ގުޅިފައެވެ. އަނެއް 2 މީހުންނަށް އުދުހުމުގެ ފުރުސަތު މިލިބުނީ ވަޒީފާއިން ވަކިވުމަށް ތައްޔާރުވަމުން ދަނިކޮށްކަން “ދަ ޕްރެސް” އަށް ވަނީ އެނގިފައެވެ. ރާއްޖެއަށް އިންޑިއާއިން ދީފައިވާ ޑޯނިއާ-288 މަރުކާގެ މަތިންދާބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރާ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރާ ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރާއްޖޭގައި ދުއްވާ ޑޯނިއާ ފްލައިޓް މީގެކުރިން އޮޕަރޭޓް ކުރަނީ އިންޑިއާއިންނެވެ. އެއީ އެމްއެންޑީއެފް ޕައިލެޓުން އެކަމަށް ތަމްރީނު ވަންދެން ކަމަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!