ވޯލްޑް ކަޕްގެ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ

އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މިޑުލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

އަންނަ އަހަރު ފީފާ ވޯލްޑް ކަޕް ބާއްވަނީ ގަތަރުގަ އެވެ. އުރީދޫ އަކީ ގަތަރުގައި 2019 އަދި 2020 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ގައުމީ ސަޕޯޓަރެވެ.

އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރު ޝައިހް ނާސިރު ބިން ހަމަދު ބިން ނާސިރު އަލް ސާނީ ވިދާޅުވީ މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާއެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ ފަހުރެއް ކަމަށެވެ.

އަދި 2022 ވަނަ އަހަރު ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް ގަތަރު ދަތުރު ކުރިއިރު ހުރިހާ ލޯތަކެއް އަމާޒުވާނީ އެ ގައުމަށް ކަމަށެވެ. މިއީ އުފެއްދުންތެރިކަމާއި ޓެލެކޮމިއުނިކޭޝަންގެ ރޮނގުން އުރީދޫގެ ލީޑާޝިޕް އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

“ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައާއެކު މި ސަރަހައްދުގެ މުޖުތަމައުތަކާ އޮންނަ ގުޅުންބަދަހިވެގެންދާނެ ފުރުސަތެއްކަން ފާހަގަ ކުރުން،” ޗީފް ކޮމާޝަލް އޮފިސަރު ނާސިރު ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ ގަތަރުގައި އެ ފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި ނެޓްވޯކް ސްޕީޑު އުރީދޫގެ ޓެކްނޮލޮޖީ އަދި ތަޖުރިބާއާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ.

ފީފާގެ ޑިރެކްޓަރު އޮފް ކޮމާޝަލް ރެވެނިއު ނިކް ބްރައުން ވިދާޅުވީ ރީޖަނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ފަހަރު އުރީދޫ އެނބުރި އައުމުން އުފާކުރާ ކަމަށެވެ.

އަންނަ އަހަރު ގަތަރުގައި ބާއްވަން ހަމަޖެހިފައިނާ ފީފާ ވޯލްޑް ކަޕް ކުރިއަށްދާނީ 21 ނޮވެމްބަރުން 18 ޑިސެމްބަރަ ށެވެ. މިއީ އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!