ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސްގެ ސޯލިހުގެ ވައުދުފުޅެއް -- ފޮޓޯ ރައީސް އޮފީސް

މިނިމަމް ވޭޖާއެކު މުޅި އާބާދީއަށް ހެޔޮ އަސަރު ކުރާނެ، ސަރުކާރަށް ތާރީހީ ދުވަހެއް

މިނިމަމް ވޭޖާއެކު ރާއްޖޭގެ މުޅި އާބާދީއަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. މިނިމަމް ވޭޖަކަށް ދިވެހިން ކުރި ދިގު އިންތިޒާރު ނިމި، މިއަދު ސަރުކާރުން ވަނީ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅި އަދަދުތައް އާންމުކޮށްފައެވެ. މިނިމަމް ވޭޖާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް “ސަން” އަށް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާ ވެފައި އޮތް ގައުމަކަށް ވެފައި، ކޮވިޑް-19 ގެ ދުވަސްވަރު އިގްތިސޯދު ވެއްޓުނު އަނދަވަޅުން އަރައިގަތުމުގައި އަދި ވެސް ދަތިތަކެއް ހުރި ކަމަށެވެ. ރާއްޖޭގެ އިގްތިސޯދު ކުރިން ހުރި ހާލަތަށް އަނބުރާ ދިއުމަށް ދެ އަހަރެއް ހާ ދުވަސް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވިކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ކަނޑައެޅިގެން ދިޔައީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށެވެ. “ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަން ޖެހޭ، އެހެން ކަމަށް ވާނަމަ ދެ އަހަރު ފަހުން އިގްތިސޯދަށް އަންނަ ބަދަލުތަކާއެކު މިނިމަމް ވޭޖަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،” މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓަކައި ގާނޫނަކުން ސާވިސް ޗާޖު ލާޒިމް ކުރީ މި ސަރުކާރުގައި ކަމަށެވެ. ހަމައެއާއެކު މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖާއި ސާވިސް ޗާޖު އެކުވުމުން އެވްރެޖުކޮށް ރިސޯޓު މުވައްޒަފަކަށް 12،000 ރުފިޔާ ޖެހޭނެ ކަމަށް މިނިސްޓްރީން އަންދާޒާކޮށްފައިވާ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ. “ރާއްޖޭގެ އިގްތިސޯދު މިހާރު މިއޮތް ހާލަތަށް ބަލާއިރު، ވަރަށް ރަނގަޅު ކާމިޔާބީއެއް މި ލިބިގެންދިޔައީ. 13000 އަށް ވުރެ ގިނަ ރިސޯޓު މުވައްޒަފުންނަށް މީގެން ސީދާ މަންފާ ކުރާނެ،” މަބްރޫކް ވިދާޅުވިއެވެ. މިނިމަމް ވޭޖުގެ ހެޔޮ އަސަރު ކުރާނީ ރިސޯޓު މުވައްޒަފުންނަށް އެކަނި ނޫން ކަން ފާހަގަކުރައްވާ މަބްރޫކް އިތުރަށް ވިދާޅުވީ ސިވިލް ސާވިސްގެ 15،400 އަށް ވުރެ ގިނަ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 5،100 މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖުގެ ފައިދާ ކުރާނެ ކަމަށެވެ. “އެގޮތުން ބެލި ކަމުގައި ވީ ނަމަވެސް 33،500 އަށް ވުރެ ގިނަ ދިވެހިންނަށް އޭގެ ސީދާ އަސަރު ކުރޭ. މީގެ އިތުރުން ވެސް ކުދި ވިޔަފާރިތަކުން ވެސް ފައިދާ ވާނެ. އެންމެ ގިނަ ދިވެހިންނަށް ފައިދާވާނެ، އެންމެ ބޮޑު ވައުދު މި ފުއްދިގެން ދިޔައީ. މިއީ ސަރުކާރަށް ތާރީހީ ދުވަހެއް،” މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ ބައިނަލްއަގްވާމީ އެހެނިހެން ގައުމުތަކާ އަޅާ ކިޔާ ނަމަވެސް، ރާއްޖޭގެ މިނިމަމް ވޭޖަކީ ރާއްޖެއަށް ވުރެ ކުރި އަރައިފައިވާ ގިނަ ގައުމުތަކަށް ވުރެ ބޮޑު، ރަނގަޅު އަދަދެއް ކަމަށެވެ. އެގޮތުން މެލޭޝިއާ، އިންޑިއާ، ތައިލޭންޑު ފަދަ ގައުމުތައް މަބްރޫކް ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!