ކުރެންދޫ އަދި މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ޅ. ކުރެންދޫ އަދި ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ކުރެންދޫ އަދި މިލަންދޫގައި ފާހަގަ ކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު  މަޢުލޫމާތު ދެއްވި ގޮތުގައި ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން ރަށުގެ އިރުއުތުރުން 525 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓަކާއި އަދި، ދެކުނު ފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޤާއިމް ކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ އިރުދެކުނު ފަރާތުގައި 183 މީޓަރުގެ ބްރޭކްވޯޓާއަކާއި އަދި، ހުޅަނގު ދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކްވޯޓާ އަކާއި 35 މީޓަރުގެ ދެ ބްރޭކްވޯޓާ ޤާއިމް ކުރުން ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢޫގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން 954.43 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޤާއިމްކޮށް ރިވެޓްމެންޓްގެ ދެކޮޅުގައި 44.77 މީޓަރުގެ ބޮޑުހިލައިގެ ދެ ފައިކަށި ޤާއިމް ކުރުން ހިމެނެއެވެ. ކުރެންދޫ އަދި މިލަންދޫގެ ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ  ދެ މަޝްރޫޢެވެ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ 365 ދުވަހުގެ ނިންމަން 44.9 މިލިއަން ރުފިޔާ އަށެވެ. އަދި  މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ 200 ދުވަހުގެ ނިންމަން 36.6 މިލިއަން ރުފިޔާ އަށެވެ. މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ އަލްފާޟިލާ ޒީނިޔާ ހަމީދްއެވެ. އަދި، އެމްޓީސީސީ ގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!