ބަންދުކޮށްފައިވާ ހެރެތެރެ ރިސޯޓު. މި ރިސޯޓު ހުޅުވޭނެގޮތެއް ހޯދައިދޭން މެމްބަރު އިލިޔާސް މިއަދު ގޮވާލެއްވި---ޝަންގްރިއްލާ ރިސޯޓު. މި ރިސޯޓު ހުޅުވޭނެގޮތެއް ހޯދައިދޭން މެމްބަރު އިލިޔާސް މިއަދު ގޮވާލެއްވި---

ހެރެތެރެއާއި ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ގޮތެއް ހޯދައިދޭން ގޮވާލައިފި

އައްޑޫ ސިޓީގެ ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓާއި ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ގޮތެއް ހޯދައިދޭން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ސަރުކާރަށް ގޮވާލައްވައިފި އެވެ.

އިލިޔާސް އެކަމަށް ގޮވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އިލިޔާސް ވިދާޅުވީ އައްޑޫ ސިޓީގައި ތިން ރިސޯޓު އޮންނައިރު ދެ ރިސޯޓު –ކެނެރީފް އަދި ޝަންގްރިއްލާ މިހާރު އޮތީ ބަންދުކޮށްފައި ކަމަށެވެ. އަދި ޝަންގްރިއްލާގެ ކުންފުނި އުވާލަން ސަރުކާރުން ވިސްނުން ގެންގުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 ޕަސެންޓު ހިއްސާވެގެން ހިންގާ ރިސޯޓެކެވެ. އިލިޔާސް ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ 30 ޕަސެންޓު ހިއްސާއާއެކު ވެސް ނުވަތަ އެ ނޫން ގޮތެއް ހޯދައިގެން ވެސް އެ ރިސޯޓު ހިންގޭނެ ގޮތެއް ހޯދަން ޖެހެ އެވެ.

“ހެރަތެރަ ހިންގެން ޖެހޭ. އަޅުގަނޑުމެންނަކަށް ނެތް ނެގޯޝިއޭޓް ކޮށްކޮށް ތިބެވޭކަށް. އެއް އަހަރަށް ވުރެ ގިނަ ވެއްޖެ ނެގޯޝިއޭޓް ކޮށްކޮށް، އަޅުގަނޑުމެން ބަލަބަލައި ތިބޭތާ. ހެރެތެރެއާ ޝަންގްރިއްލާ އަކީ ގާތްގަނޑަކަށް 1000 މީހުންގެ ވަޒީފާ. އައްޑޫއާ ހާއްސަކޮށް އެ ސަރަހައްދުގެ މީހުން ވަޒީފާ ބޭނުންވޭ. ވަޒީފާގައި އެތައް ބަޔަކު މަހުރޫމުވެގެން ތިބީ ކޮވިޑާއެކީ” އިލްޔާސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި މިވަގުތު ހަމައެކަނި ހިދުމަތް ދެމުންދަނީ އިސްމެހެލާ ހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ބީޗު ރިސޯޓުން އެކަންޏެވެ.

އިލިޔާސް ވިދާޅުވީ ސައުތު ޕާމް ބީޗަށް މިހާރުވެސް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި އެގޮތުން އެތަނުގެ 115 ކޮޓަރި އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ފުލްވެފައިވާ ކަމަށެވެ. އެހެންކަމުން ޝަންގްރިއްލާއާއި ހެރެތެރެ ރިސޯޓުވެސް ހިންގާނެ ގޮތެއް ހޯދައި އެ ދެ ތަން މިނިވަންކަމާއެކު ހިންގަން ދޫކޮށްލަން އޭނާ ގޮވާލެއްވި އެވެ.

ކޮވިޑާ ގުޅިގެން ކެނެރީފް ރިސޯޓު ބަންދުކުރީ މިދިޔަ އަހަރު ޖޫން މަހު އެވެ. އެ ރިސޯޓު އަންމަ މަހު ހުޅުވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނި ނަމަވެސް އެ މުއްދަތުގައި ހުޅުވާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދީފައި ނުވާ ކަމަށް އިލިޔާސް ވިދާޅުވި އެވެ.

ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!