މެއި 12، 2020: މާލޭގެ ބާޒާރު ސަރަހައްދުގައި ބިދޭސީން މަސައްްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީންނަށް މިނިމަމް ވޭޖު ދޭނެ ފަންވަރެއް އިގްތިސޯދުގައި ނެތް: ފައްޔާޒް

ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑައަޅާނެ ފަންވަރު ރާއްޖޭގެ އިގްތިސޯދުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިދޭސީންގެ މިނިމަމް ވޭޖާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ދިވެހިންނާ އެއް މިނަކަށް ބިދޭސީންގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިފިނަމަ އެކަމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ރާއްޖޭގައި އެންމެ ގިނައިން ދިރިއުޅެނީ ބަންގްލަދޭޝްގެ މީހުން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ބަންގްލަދޭޝްގައި މިނިމަމް ވޭޖެއްގެ ގޮތުގައި 90 ޑޮލަރު މަސައްކަތްތެރިންނަށް ދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ބަންގްލަދޭޝްގެ ގިނަ ބަޔަކު ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަނީ ރާއްޖެއިން އެ އަދަދަށް ވުރެ ބޮޑު އަދަދެއް ލިބޭތީ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. “ބަންގްލަދޭޝްގައި 90 ޑޮލަރަށް ވާއިރުގައި، ރާއްޖެއަށް އާންމުކޮށް ބަންގްލަދޭޝް މީހުން އައިސް މަސައްކަތް މި ކުރަނީ 180 ޑޮލަރު، 200، 250 ޑޮލަރު އެހާކަން ހާ ވަރަށް. އެއީ އެ މިނިމަމް ވޭޖަށް ވުރެ މާ ބޮޑު ވޭޖެއް ލިބޭތީ، އަދި ހާލަތު އަދި ވަކީން ކޮންޑިޝަންސް ކޮންމެ ގޮތަކަށް ހުރި ނަމަވެސް،” ފައްޔާޒް ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ބަންގްލަދޭޝާއި ރާއްޖޭގެ ލޮޖިސްޓިކްސް އާއި އިމްޕޯޓް އެކްސްޕޯޓަށް ބަލާނަމަ ހާލަތު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގައި ދިރިއުޅުމަށް ކުރަން ޖެހޭ ހަރަދު ރާއްޖެއަށް ވުރެ އެތައް ގުނައެއް ކުޑަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. “މިކަހަލަ ބައިވަރު ފެކްޓާސްތަކެއް ހުރެފަ، އަޅުގަނޑުމެންގެ އިގްތިސޯދަށް މިހާރު ވެސް ގާތްގަނޑަކަށް 490 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ރެމިޓާސް ވެސް އެބަ ދޭ އިގްތިސޯދުން ބޭރަށް. މިއާ އެއްކޮށް އިތުރު 250 ނޫނީ 300 މިލިއަން ޑޮލަރެއް އަންނާނެ [ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑައަޅައިފިނަމަ]،” ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް އިތުރަށް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާނަމަވެސް ބިދޭސީންނަށް މިނިމަމް ވޭޖެއް ދިނުމުގެ ފަންވަރު ރާއްޖޭގެ އިގްތިސޯދުގައި ނެތް ކަމަށެވެ. ހަމައެހެންމެ މިނިމަމް ވޭޖު ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލައިފައިވާނީ އިގްތިސޯދަށް ބުރަ ނުވާނެހެން، އިގްތިސޯދުގައި ފަންވަރު ހުރި ގޮތަށް މިނިމަމް ވޭޖު ކަނޑައެޅުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!