އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

މިނިމަމް ވޭޖާއެކު ވަޒީފާ އަދާ ކުރާ މީހުންނަށް ހެޔޮ ބަދަލެއް އަންނާނެ: ފައްޔާޒް

މުވައްޒަފުންނަށް ދޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ދިއުމާއެކު ވަޒީފާ އަދާ ކުރާ މީހުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ފައްޔާޒް ވަނީ މިނިމަމް ވޭޖު ކަނޑައަޅައި، ގަރާރުގައި ސޮއިކުރައްވައިފައެވެ. ގަރާރުގައި ސޮއިކުރުމަށްފަހު މިނިސްޓަރު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގައި މިހާރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތާއި ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ މީހުންގެ ބަސް ހޯދައިފައިވާނެ ކަމަށެވެ. “އެއާ ގުޅިގެން ވަޒީފާގެ ގާނޫނަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނެވުނީ. ގެނެވުނު އިރުގައި މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ ގޮތުގައި ކަނޑައެޅިގެން ދިޔައިރުގައި، ކުރިއަށް ވުރެ ފުޅާ ދާއިރާއެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ރިޕްރެސެންޓް މެކޭނިޒަމެއް އޭގައި ކަނޑައެޅިގެން ދިޔަ،” މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުސާރަ ކުޑަވުމާއި ލިބެން ޖެހޭ މަންފާތައް ނުލިބުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގައި މުވައްޒަފުން ހަރުނުލުމަކީ ވަޒީފާ ދޭ ފަރާތުގެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވަނީ މިނިމަމް ވޭޖާއެކު މި ކަންކަމަށް ހެޔޮ ބަދަލެއް އަތުވެގެންދާނެ ކަން ފާހަގަކުރައްވައިފައެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ކަނޑައެޅިގެން އިއުލާނު ކުރެވިގެންދާ އަދަދުތަކަކީ ހަމަ ރަނގަޅު، މިއަދުގެ ހާލަތާ ބަލައި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަދި ވިޔަފާރިތަކަށް ދުރު މުސްތަގުބަލުގައި އޭގެ ރަނގަޅު ނަފާތަކެއް ލިބިގެންދާނެ ރީޒަނަބަލް އަދަދުތަކެކޭ އަޅުގަނޑު ދަންނަވާނީ،” ފައްޔާޒް ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓްރީން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ޕްރައިވެޓް ސެކްޓާ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ނަމަ ގާތްގަނޑަކަށް 5000 ރުފިޔާއެވެ. ޕްރައިވެޓް ސެކްޓާގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ. އެ އަދަދު ކަނޑައަޅައިފައިވަނީ ބޯޑުން ލަފާ ދިން އަދަދުތަކަަށް އެއްވެސް ބަދަލެއް ނުގެނެހެވެ. ޕްރައިވެޓް ސެކްޓާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަމުގެ މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން ލަފާ ދިނީ ގަޑި އިރަކަށް 42.79 ރުފިޔާ ނަމަވެސް މިނިސްޓްރީން ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ. ޕަބްލިކް ސެކްޓަރަށް ކަނޑައަޅައިފައިވަނީ ބޯޑުން ދިން ލަފަޔާ އެއްގޮތަށް ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!