އައްޑޫގެ މޭޔަރު އަލީ ނިޒާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

2023 ގައި ބުރިޖު އަޅަން ބާރު އަޅާނަން: ނިޒާރު

ހުޅުދޫއާއި މީދޫ، އައްޑޫގެ ގުޅިފައިވާ އެހެން ރަށްތަކާ ގުޅާލުމުގެ ގޮތުން ބުރިޖެއް އަޅަން 2023 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނަން ބާރުއަޅުއްވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ބްރިޖެއް އަޅައިދިނުމަށް ގޮވާލާ އެތައް ބަޔަކު ސޯޝަލް މީޑިއާގައި މީގެ ދެމަހެއްހާ ދުވަސްކުރިން ހިންގި ވަރުގަދަ ކެމްޕޭނާ ގުޅިގެން އޭރު ނިޒާރު ވިދާޅުވީ އެ ބުރިޖު އަޅައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނައިދިނުމަށް ސަރުކާރުގައި އެދޭނެ ކަމަށެވެ.

ނަމަވެސް އަަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު އައްޑޫގައި ބުރިޖުއަޅަން އެއްވެސް ފައިސާއެއް ހިމަނާފައެއް ނުވެ އެވެ. އެކަމަކު ގއ. ވިލިނގިއްޔާއި ގއ. ކޫއްޑޫ ބްރިޖު އެޅުމަށް ދިރާސާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 450،000 ރުފިޔާ ހިމަނާފައިވެ އެވެ. އަދި ބ. ފެހެންދޫއާއި ބ. ގޮއިދޫއާއި، މ. މުއްޔާއި މ. ނާލާފުށްޓާއި، ތ. ވޭމަންޑޫއާއި ތ. ކިނބިދޫއާއި، ލ. ކަލައިދޫ އާއި ލ. ދަނބިދޫއާއި، ލ. ކުނަހަންދޫ އާއި ލ. މެންދޫގެ އިތުރުން ލ. ހިތަދޫ އާއި ލ. މެންދޫ ކޯޒްވޭއަކުން ގުޅާލަން ވެސް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ.

ނިޒާރު އަވަސްއަށް މިއަދު ވިދާޅުވީ އައްޑޫގައި ބުރިޖު އެޅުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބެޖެޓުގައި ނުހިމެނުނީ ބަޖެޓުގެ ތާށިކަން އުޅޭތީ ކަަމަށް ގަބޫލުކުރައްވާ ކަމަށެެވެ.

“އެހެން ނަމަވެސް 2023 ގައި ބުރިޖުއަޅަން ބަޖެޓުކުރަން ބާރުއަޅާނަން. ދެން ކޫއްޑު ބުރިޖު އަޅަން ނިންމީ އެއީ އައްޑޫގެ ބުރިޖުގެ ވާހަކަތައް ދެކެވުމުގެ ކުރިން އެކަން ކުރަން ނިންމާފައި އޮތީމަ ކަަމަށް ބެލެވެނީ،” ނިޒާރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އައްޑޫގައި އަޅަން ބޭނުންވާ ބްރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 14.5 ކިލޯމީޓަރެވެ. އަދި ބްރިޖު އަޅަންޖެހޭ ސަރަހައްދުގައި އެންމެ ފުން ހިސާބުތަކުގައި ވެސް ހުންނާނީ 40 މީޓަރުގެ ފުންމިން ކަމުގައިވެސް ވިދާޅުވި އެވެ. އަދި އައްޑޫގައި އަޅަން ބޭނުންވާ ބްރިޖަށް އެންމެ ބޮޑު ވެގެން ވެސް ހަރަދުވާނީ 400 މިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ބްރިޖެއް އެޅުމަށްޓަކައި ކޮންސެޕްޓެއް ތައްޔާރުކޮށްދިނުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ނިޒާރު ވެވަޑައިގެންނެވި ވައުދެކެވެ.

ނިޒާރު ވިދާޅުވީ ބްރިޖެއް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް ތަރައްގީގެ އެހެން ހަރުފަތަކަށް ދިއުން ކަމަށެވެ. ބްރިޖާ އެކު އަމާޒަކީ އައްޑޫގެ އާބާދީ 70،000 އިން މައްޗަށް ޖެއްސުން ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫގެ ބްރިޖަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާތީ ސޯޝަލް މީޑިއާގައި އައްޑޫގެ ރައްޔިތުން ގެންދަނީ އެކަން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!