ޖުމާން މުސްތަފާ (ވ)ގައި އަދި މުހައްމަދު އަހްމަދު (ކ)ގައި

100 ކިލޯގެ ޑުރަގް: ދެ މީހުންގެ ބަންދު އިތުރުކޮށްފި

ފުލުހުން މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ) އެވެ. އެ ދެ މީހުންގެ ބަންދަށް ތިންވަނަ ފަހަރަށް ކްރިމިނަލް ކޯޓުން މިއަދު ދީފައިވަނީ ފަސް ދުވަހެވެ. ކުރިން ދެ ފަހަރު އެ ދެ މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ.

މިމައްސަލައިގެ ތަހުގީގަށް ބައެއް މީހުން ދީފައިވާ ބަޔާންތަކާ ހަވާލާދީ ގާޒީ އާދަމް މުހައްމަދު މިއަދު ނެރުއްވި އަމުރުގައިވާ ގޮތުން 100 ކިލޯގެ ޑްރަގްސް ހޯދުމަށް ޖުމާން އާއި މުހައްމަދު އަހްމަދު ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށްފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް ގޯނިތަކެއް ސަފާރީ އަށް އަރުވާފަ އެވެ. ނަމަވެސް ސަފާރީގައި ފަހުން އެ ގޯނިތައް ނެތް ކަމަށާއި އެކަމަކު ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނުނު ކަމަށް އަމުރުގައިވެ އެވެ.

މިމައްސަލާގައި ޖުމާން އާއި މުހައްމަދު އަހްމަދުގެ އިތުރުން މިހާރު ބަންދުގައި ތިބީ ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި، ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ޑީއެމް މޮބިން (24އ) އެވެ. އެ ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް 15 ދުވަހުގެ މުއްދަތު ޖެހީ މިދިޔަ އޮކްޓޫބަރު 29 ވަނަ ދުވަހު އެވެ. އެހެންކަމުން އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގައި މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނާ ގޮތުން ކޯޓުން އެ ދުވަހު ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުންނެވެ. އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދުނު ނަމަވެސް މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމާފަ އެވެ.

އޭގެފަހުން މިދިޔަ އޮކްޓޫބަރު 26 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލާގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފަ އެވެ. އެ ދުވަހު ކޯޓުން ދޫކޮށްލީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ. މިމައްސަލާގައި ހައްޔަރުކުރި އިތުރު ދެ މީހުން ކަމަށްވާ ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) ވެސް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އެ ދެ މީހުން ވެސް ދޫކޮށްލީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މި އޮޕަރޭޝަނާ ދާދި އެކު އެކީގަހެން ހިންގުނު އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!