ރާޖަޕަކްސާ ރައީސް ސޯލިހުއާ ބައްދަލު ކުރައްވަނީ --

ފޯނޭޝަންސް ކަޕަށް ރައީސް ސޯލިހް ލަންކާއަށް

ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް އިންޓަނޭޝަނަލް ޓޯނަމަންޓް ފެށުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ހާއްސަ ދައުވަތަކަށް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ސޯލިހް މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ފޯނޭޝަންސް ކަޕްގައި ބައިވެރިވާނީ ހަތަރު ޓީމެކެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ލަންކާ، ރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ރާއްޖެ އާއި ލަންކާ އެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވަނީ ވިއްކަން ފަށާފައެވެ.

ޓިކެޓް ވިއްކަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީންނާއި މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރުންނެވެ. މިއަދާއި މާދަމާވެސް އެ މެޗުގެ ޓިކެޓް ވިއްކާނެ އެވެ.

މުބާރާތުގެ މެޗުތަކުގެ ޓިކެޓް ލަންކާގެ ރައްޔިތުންނަށް 200 ރުޕީސްއަށް ވިއްކި ނަމަވެސް ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ނިންމާފައި އޮތީ 5،000 ރުޕީސްއަށެވެ.

އެ އަގު ބޮޑުވުމުގެ ސަބަބުން ދިވެހިންގެ ބޮޑު އާބާދީއެއް އޮތް ލަންކާގައި ދިރިއުޅޭ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު މަހުލޫފް ވަނީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމަކަށް ޓިކެޓްގެ އަގާ ގުޅޭގޮތުން ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހިންނަށް 3،000 ރުޕީސްއަށް ޓިކެޓް ވިއްކަން ނިންމި އެވެ.

ސާފް ޗެންޕިއަންޝިޕްގެ ހިތްދަތި ހަނދާންތައް ނައްތާލަން މި މުބާރާތަކީ ރާއްޖެއަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ދިވެހި އެފްއޭއިން ދެކެ އެވެ. މުބާރާތުގައި ކުޅެން ރާއްޖޭގެ ގައުމީ ޓީމު މިހާރު ތިބީ ލަންކާގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!