ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް

ރަށްރަށުގައި ހިންގާ ކުށްތައް މަދު ކުރުމަށް، ފުލުހުން ގާއިމްވެ ތިބުން މުހިއްމު: އިމްރާން

ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހިންގަމުން އަންނަ ކުށްތައް މަދުކުރުމަށް ޓަކައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެ ތިބުމަކީ އެފަދަ ކަންކަމުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާނެ މުހިއްމު ކަމެއް ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރު މި މޭރުމުން ވިދާޅުވީ ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ އެކަމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށް ވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި ހާއްސަކޮށް މަސްތުވާތަކެއްޗާއި އެ ތަކެތީގެ ނަތީޖާއެއްގެ ގޮތުން ދެން އުފެދިގެންދާ އެހެނިހެން ކަންކަން ފެތުރިގެން ދިއުން އެއީ މިއަދު އެންމެންނަށް ވެސް އެންމެ ތަކުލީފު ބޮޑުވެފައިވާ ކަންތައްކަމުގައި ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ފުލުހުންގެ ލީޑަޝިޕުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި އެގޮތުން ރައްޔިތުންނާ ގާތުން، ރައްޔިތުންނާ ގުޅިގެން އެކުވެރިކޮށް މަސައްކަތް ކުރުމުގެ ވިސްނުމުގައި ފުލުހުން މަސައްކަތްކުރަމުންދާ ކަމުގައި އިމްރާން ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އަވައްޓެރި ފުލުހުންގެ ފަލްސަފާއަކީ ރައްޔިތުންނާ ކޮންމެ ދުވަހަކު ދިމާވާ ކަންކަން ރައްޔިތުންނާ އެކުގައި ތިބެގެން މަޝްވަރާކޮށް، ހާއްސަކޮށް މުއައްސަސާތަކާ އެކުގައި ވަކިކަހަލަ ޓީމްތަކާއި ގުރޫޕުތައް ހަދައިގެން ދޭނެ ހިދުމަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓަކީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގައިވާ ކަންކަން ހާސިލުކޮށް އަމާޒަށް ވާސިލުވުމަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2019 ވަނަ އަހަރު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ކަނޑައެޅި އިރު އިސްކަންދޭނެ ހަ ކަމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ލޯކަލް ޕޮލިސިން ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ދެމުން ގެންދާ އަދި ކުރިއަށް އޮތް ތަނުގައި ދޭންފަށާނެ ހިދުމަތްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ސީޕީ ވިދާޅުވީ އުނގޫފާރު ފުލުހުން ހުޅުދުއްފާރަށް އައިސް ރައްޔިތުންނަށް ދެމުން އައި ހިދުމަތް އަލަށް ހުޅުވުނު ޕޮލިސް ޕޯސްޓާއެކު ނިމުމަކަށް އައިސްފައިވާ ކަމާށާއި މީގެ ފަހުން ހުޅުދުއްފާރުގެ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނީ ރައްޔިތުންނާ ވަރަށް ގާތުން ކަމުގައި ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!