ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިން 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި. އިންކުއަރީ ރިޕޯޓް ތަންފީޒުކުރަން 50 މިލިއަން ބެޖަޓުގައި ވަނީ ހިމަނައިފައި -- ފޮޓޯ: މަޖިލިސް

އިންކުއަރީ ރިޕޯޓް ތަންފީޒުކުރަން 50 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް “ހައެއް ފަހެއް”ގައި ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވީގޮތް ބަލައި އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފައިވާ ކަންތައްތައް ތަންފީޒުކުރަން 50 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.

އެގޮތުން އަންނަ އަަހަރު ޑިފެންސް މިނިސްޓްރީއަށް 1.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު އިންކުއަރީ ރިޕޯޓްގައި ބުނެފައިވާ ކަންކަން ތަންފީޒުކުރުމަށް 50 މިލިއަން ރުފިޔާ ހިމަނައިފައިވެ އެެވެ.

މިދިޔަ ޖުލައި މަހު މަޖިލީހުން އާންމުކުރި 271 ސަފްހާގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މި ފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިންވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.

އިންކުއަރީ ރިޕޯޓުގައިވާ ކަންކަން އިސްލާހު ކުރާ މިންވަރު މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ބަލަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!