ވ. ތިނަދޫގައި ހަދާ ސެޓެލައިޓް ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު ޑރ. އައިޝަތު އަލީ ބައްލަވާލައްވަނީ -- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަންނަ ޓާމަށް ފަސްކޮށްފި

ތިން ރަށެއްގައި ހަދަމުންދާ ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަންނަ ޓާމަށް އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ސެޓެލައިޓް ސްކޫލުތައް ހުޅުވުން މިދިޔަ މަހު 24 އަށް ޝެޑިއުލް ކުރި ނަމަވެސް އެ މަސައްކަތް ފަސްވީ މި އަހަރުގެ ފުރަތަމަ ޓާމް ނިމޭތީ ކަމަށެވެ.

“ކުދިންގެ ކިޔެވުން ދެން ކުރިއަށް ދާނީ ވަރަށް މަދު ދުވަސްކޮޅަކަށް އެހެންވެ ސެޓަލައިޓް ސްކޫލް ހުޅުވުން ލަސްކޮށްލީ އަންނަ ޓާމަށް” މޫސާ ވިދާޅުވި އެވެ.

ސެޓެލައިޓް ސްކޫލު ހުޅުވުމުގެ މަސައްކަތް އަންނަ ޓާމަށް ފަސްކުރި ނަމަވެސް ވަކި ތާރީހެއް އަދި ކަނޑަނާޅާ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

“ތާރީހު ކަނޑައެޅުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ” މޫސާ ވިދާޅުވި އެވެ.

ސެޓެލައިޓް ސްކޫލުތައް ހަދަމުންދަނީ ބ. ފެހެންދޫ، ވ. ރަކީދޫ އަދި ވ. ތިނަދޫގަ އެވެ.

ފެހެންދޫގައި ސެޓެލައިޓް ސްކޫލު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަޕްރައިސަސް އަށެވެ. އަދި ތިނަދޫއާއި ރަކީދޫގައި ސެޓެލައިޓް ސްކޫލު ހެދުމަށް ހަވާލުކޮށްފައިވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށެވެ.

ތިނަދޫ އާއި ފެހެންދޫ ސްކޫލަށް އެއް މިލިއަން އަދި ރަކީދޫ ސްކޫލަށް ދެ މިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސެޓެލައިޓް ސްކޫލު ހަދާ ރަށްތަކަކީ އެ ރަށްތަކުގައި ތައުލީމު ހާސިލްކުރަން ތިބި ދަރިވަރުންގެ އަދަދު މަދުވުމުން އެކަށީގެންވާ އަދަދަށް ކުދިން ނެތް ރަށްރަށާއި ސްކޫލް ވެސް ނެތް ރަށްތެކެވެ.

ސެޓެލައިޓް ސްކޫލު ހަދާ ރަށްތަކުގައި ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔަވައިދޭން ފަށާއިރު ވަސީލަތްތަކާއި މުދައްރިސުން ތިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެހެން ރަށްތަކުގެ ސްކޫލުތަކާ ގުޅިގެން ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަަމަޖެއްސުމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!