ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު: އއ. މަތިވެރީގައި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެދި އޭނާ ވަނީ ފުލުހުންނަށް ހުށަހަޅާފައި ---

މަތިވެރީގައި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ޖާބިރު އެދިއްޖެ

އއ. މަތިވެރީގައި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެދި ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ފުލުސް އޮފީހުގައި އެދިއްޖެއެވެ. ފުލުސް އޮފީހަށް ޖާބިރު މައްސަލަ ހުށަހަޅުއްވާފައި ވަނީ, މަތިވެރީގައި އޭނާ ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކާސާމިއާ ގެސްޓްހައުސްއަށް ބަޔަކު ތަކުރާރުކޮށް ގެއްލުންދެމުންދާ ކަމަށް ތުހުމަތުކޮށެވެ. ޖާބިރުއާއި މަތިވެރީގެ ރައްޔިތުންނާ ދެމެދު އުފެދިފައިވާ ދެބަސްވުން ހަމަނުޖެހުންތަކަކަށް ބަދަލުވެފައިވާއިރު, ކާސާމިއާގައި މީހަކަށް އަނިޔާކުރި މައްސަލައެއްގައި އިއްޔެ ވަނީ ޖާބިރުއާ އާއިލީ ގޮތުން ގުޅުން އޮންނަ ދެ މީހަކު ހައްޔަރުކޮށްފައެވެ. “އަޅުގަނޑުގެ ދެ ކޮއްކޮއަކީ އިނޮސެންޓް ދެ މީހުން މި މައްސަލައިގައި. އެ މީހުން ވަގުތުން ދޫކޮށް ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެދި ދެންނެވިން,” ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވާފައިވާކަން ހާމަކޮށް ޖާބިރު ވިދާޅުވިއެވެ. ގާނޫނާއި ގަވާއިދުގެ ތެރެއިން މަތިވެރީގައި ކުރަމުންދަނީ ބިމުގެ ވިޔަފާރި ކަމަށާއި އެކަމަށް އެތައް މިލިއަން ޑޮލަރެއް މިހާރު ހޭދަކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ މުދަލާއި ޖާނާއި މާލަށް އަރަމުންދާއިރުވެސް އަޅުގަނޑުމެނަށް ގާނޫނުގައި ދޭންޖެހޭ ވިޔަފާރީގެ ހިމާޔަތާއި ރައްކާތެރިކަން ފުލުހުންނަށް ވެސް މަތިވެރީގައި ކަށަވަރުކޮށް ނުދެވުނު. އަމަން ބެލެހެއްޓިގެން ނުދާކަން,” ޖާބިރު ވިދާޅުވިއެވެ. އޭނާ މަތިވެރިއަށް ވަޑައިގަންނަވަނީ އެ ރަށުގެ މީހުންނާ ޒުވާބުކޮށް އަރާރުންވާން ނޫންކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ, އޭނާ އަކީ ވިޔަފާރިވެރިއެއް ކަމަށާއި މަސައްކަތް ކުރަމުންދަނީ އެ ރަށުގެ ރައްޔިތުންގެ ހާލަތު ރަނގަޅުކޮށްދިނުމަށް ކަމަށެވެ. “މަތިވެރީގައި މިހާރު ތިބި ޕޮލިހުން ނޫން ޕޮލިހުން އެ ރަށުގައި އެކްޓިވްކޮށްދިނުމަށާއި ހަމައެއާއި އެކު އަޅުގަނޑުމެން ހުށަހަޅާ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވުމަށް ދަންނަވަން,” ޖާބިރު ވިދާޅުވިއެވެ. މީގެ ތިން އަހަރު ކުރިން ރޯކޮށްލުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކާސާމިއާ އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން ދަނިކޮށް ރޭގައި ވެސް ވަނީ އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެކަމުގެ ފަހަތުގައި ތިބީ އެ ރަށުގެ ބައެއް ކަމަށް ޖާބިރު ވަނީ ތުހުމަތުކުރައްވާފައެވެ. ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއިން ހިންގާ ކާސާ މިއާ މޯލްޑިވްސްގައި އަލިފާން ރޯކޮށްލައިފައިވަނީ 2019ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭއެވެ. އެއިރު ޖާބިރު ވިދާޅުވީ އެ ތަން އަންދާލައިފައިވަނީ އެތަން ހުޅުވަން އެތައް މިލިއަން ޑޮލަރެެއް އިންވެސްޓުކޮށް، ހުޅުވަން ތައްޔާރުވެފައި ވަނިކޮށްކަމަށެވެ. ޖާބިރުގެ ރިޗް ކުލަބު ކުންފުނިން މަތިވެރީގައި އެ ރަށުގެ ކައުންސިލުން 21،000 އަކަފޫޓުގެ ބިމަކާއި 25،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ނަގައިގެން ހަދާފައި ހުރި ގެސްޓްހައުސްއާ ހަވާލުވެފައިވަނީ 2017ވަނަ އަހަރެވެ. އެ ބިން ޖާބިރަށް ކުއްޔަށް ދޫކޮށްފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އެތަނުގެ ކުލި ޖާބިރު ދައްކަވަމުން ނުދާ ކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!