މި އަހަރު ރާއްޖެއަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިއާ އަށް ހާއްސަ މަރުހަބާއެއް ކިއުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެ އަންނަ ފަތުރުވެރިންގެ ޓާގެޓް ހަމަކުރަން ބޭނުންވަނީ 273000، ބާކީ 53 ދުވަސް!

ފަތުރުވެރި ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި އަހަރުގެ އުންމީދަކީ 1.3 ފަތުރުވެރިން ރާއްޖެ އައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. މިއަހަރު ނިމުމަށް ބާކީ 53 ދުވަސް އޮތް އިރު މައުސޫމް އުންމީދު ކުރެއްވި އަދަދާ ގާތް ކުރަން ދެން ބާކީ ބޭނުން ވަނީ 273000 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ 1،027،154 ފަތުރުވެރިން އައިސްފައެވެ. އެހެންކަމުން 1.3 މިލިއަން ހަމަ ކުރުމަށް ބާކީ އޮތީ 272،846 ފަތުރުވެރިންނެވެ. މި އަހަރު ތެރޭ ރާއްޖެއަށް އައި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން މި މަހުގެ 3 ވަނަ ދުވަހާ ހަމައަށް 232،418 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން އައި ދެވަނަ ގައުމަކަށް 191،229 ފަތުރުވެރިންނާއެކު އޮތީ ރަޝިއާއެވެ. އަދި އެ ލިސްޓުގެ ތިންވަނައިން ޖަރުމަނު ޖާގަ ހޯދާފައި ވަނީ 71،371 ފަތުރުވެރިން ރާއްޖެ އައިސްގެންނެވެ. 2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓު ކޮށްފައި ވަނީ 1،702،887 ފަތުރުވެރިންނެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ މިދިޔަ އަހަރު އައި ފަތުރުވެރިން އައި އަދަދުވެސް މުގުރާލާފައެވެ. މީގެ ކުރިން އެއް މިލިއަން ފަތުރުވެރިންނަކީ މި އަހަރުގެ އަމާޒު ކަމުގައި ސަރުކާރުން ބުނެފައި ވީ ނަމަވެސް އެ އަދަދު މުގުރާލުމާ ގާތަށް ދިއުމުން މައުސޫމް ވަނީ އަމާޒު 1.3 ފަތުރުވެރިންނަށް ބަދަލުކޮށްފައެވެ. މި އަހަރު އެއް މިލިއަން ފަތުރުވެރިން ހަމަވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ އުމުރުން 42 އަހަރުގެ ވިންސެންޓް ޕިޓާއު އެވެ. މިއީ އޭނާ ރާއްޖެއަށް އައި 20 ވަނަ ފަހަރު ކަމަަށްވާއިރު، އޭނާ ރާއްޖެއަށް އައީ އޭނާގެ އަންހެނުންނާ އެކު ކްލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!