ށ. ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ފޭދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފޭދޫގައި ގާއިމުވެ މަސައްކަތްކުރާ ފުލުހުން، ރީޖަނަލް ކޮމާންޑަރާއި އަތޮޅު ކޮމާންޑަރާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.
“އެކުގައި މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅައި، ރަށަކީ އެންމެ ސުލްހަވެރި، އެކުވެރި އަދި އަމާން ރަށަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް އެދެން،” މިނިސްޓަރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ހިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާ އަކަށް ބަދަލުކުުރުމުގެ މައްޗަށް ކަމަށެވެ. ފޭދޫގައި ގާއިމުކުރި ޕޯސްޓަކީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވި އެވެ.
އަލީ ރަޝީދު ވިދާޅުވީ ފޭދޫގައި ޕޮލިސް ޕޯސްޓް ގާއިމުވެ ހިދުމަތް ފެށުމާއެކު މީގެކުރިން ށ. ފޯކައިދޫން ފުލުހުން އައިސް ދޭން ފެށި ހިދުމަތް މިއަދުން ފެށިގެން ނިމުމަކަށް އައިސް ފޭދޫ ރައްޔިތުންނަށް ދެން ހިދުމަތް ލިބިގެންދާނީ ރައްޔިތުންނާ ގާތުން ރަށުގެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.
މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ށ. ފޭދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ބައެއް އާންމުންވެސް ބައިވެރިވި އެވެ.