ޔޫޔު މިނިސްޓަރު އަހްމަދު މަހްލޫފް މީގެކުރިން އަވަސްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް

“ހަމަހަމަކޮށް ހިދުމަތް ދެވޭނަމަ ސިޔާސީ ކަންކަމުގައި އުޅެވޭނެ”

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހާ ދެކޮޅަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވައިފި އެވެ.

ޔޫތު މިނިސްޓަރު މަހްލޫފް ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ ސަރުކާރުގެ މަސައްކަތަށް ހުރަސްނާޅާ އަދި ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތްދޭނަމަ ސިވިލް ސާވިސް މުވައްޒަފުންނަށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެންވާނެ ކަމަށެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ޔޫތު މިނިސްޓްރީގެ މުވައްޒަފުންނާ ގުޅޭގޮތުން މަހްލޫފް ވިދާޅުވީ އެ މިނިސްޓްރީގައި ވެސް ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެކަމަކު ޔޫތު މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުގެ ސްޕީޑު ރަނގަޅު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިއްޔެ ގެޒެޓް ކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކުގެ ދިފާއުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ އެއީ ކުރީ ސަރުކާރުގެ ދުވަސްވަރު ގެނެސްފައިވާ އިސްލާހުތަކެއް ކަމަށެވެ.

ކޮމިޝަންގެ ނައިބް ރައީސް އިބްރާހީމް ރަޝީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ ސިވިލް ސާވިސް ގަވާއިދަށް ނޮވެމްބަރު 4، 2021 ގައި ގެނައި އަށްވަނަ އިސްލާހާ އެކު ނޫން ކަަމަށެވެ.

ސިވިލް ސާވިސް ގާނޫނަށް 2015 ވަނަ އަހަރު ތިންވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެ ވާހަކަ ކުރިން ބަޔާން ކޮށްފަައިވާ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެެ. އަދި އެ ބަދަލު ސިވިލް ސާވިސް ގަވާއިދަށް އޭރު ގެނެވި އެކަން އާއްމުކުރެވިފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ކުރިން މަނާކޮށްފައި އޮތީ ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާގަ އެވެ. ނަމަވެސް ކުރިން ޔޫތު މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި މ. މުސަތުޅާގޭ މުހައްމަދު ހާނިމު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ވަޒީފާ އިން ވަކިކުރުމާ ގުޅިގެން އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ގާނޫނުގެ 53 ވަނަ މާއްދާ ބާތިލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން އެގޮތަށް އޮއްވާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަކު 2015 ވަނަ އަަހަރު ސިވިލް ސާވިސް ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގައި ވަނީ ރަސްމީ ގަޑީއާއި ރަސްމީ ގަޑި ނޫން ގަޑިތަކުގައިވެސް ސިވިލް ސާވަންޓުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!