އަބްދުﷲ ޝާހިދު -- ފޮޓޯ: ރައީސް އޮފީސް

އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ޝާހިދު ނިއުޔޯކަށް ވަޑައިގެންފި

އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ގްލާސްގޯގައި ބޭއްވި ކޮޕް-26 ކްލައިމެޓް ކޮންފަރެންސަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުޔޯކަށް ވަޑައިގެންފި އެވެ. ކޮޕް26 ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އިންސާނިއްޔަތަށް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖެނެރަލް އެސެމްބްލީ ހައި-ލެވެލް ޑައިލޮގް އޮން ޑެލިވަރިންގ ކްލައިމެޓް އެކްޝަންގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތައް ވެސް ކޮޕް-26 ގެ ބައިވެރިންނާ ހިއްސާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މާލީ އެހީތެރިކަން ހޯދުމާއި، ޓެކްނޯލޮޖީ ބަދަލުކުރުމާއި، އެޑަޕްޓޭޝަނަށް އިތުބާރުހުރި ވަޞީލަތްތައް ހޯދުމަށް މެންބަރު ޤައުމުތަކުން ގޮވާލެއްވި އެވެ. ކޮޕް26 ގެ 2 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ވަރލްޑް ލީޑަރސް ސަމިޓްގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. ޝާހިދުވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، ބަންގްލަދޭޝް، ބަލްގޭރިއާ، ބާބެޑޯސް، ބްރޫނާއީ، ކެނެޑާ، ކޮމޮރޯސް، މިސްރު، ފިޖީ، ގިނީ ބިސާއު، އިންޑިއާ، ކުވައިތު، މަލާވީ، ދިވެހިރާއްޖެ، ނެމީބިއާ، ޕަލާއު، ސައޮ ޓޯމެ އެންޑް ޕްރިންސިޕޭ، ސީޝެލްސް، ސްރީލަންކާ، ޓެންޒޭނިއާ، ތައިލެންޑް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޓުވާލޫ، ޔޫ.އޭ.އީ އަދި ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިންނާއި މިނިސްޓަރުންނާ ބައްދަލުކުރައްވާފަ އެވެ. މިނިސްޓަރ ޝާހިދުވަނީ އެލް.ޑީ.ސީ. ގްރޫޕް (ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގްރޫޕް)ގެ ޗެއަރ، މަލާވީގެ ރައީސް ލަޒަރޫސް ޗަކްވެރާއާއި، ޖަރުމަނުގެ ސްޓޭޓް ސެކްރެޓަރީ ޖޯހެން ފްލަސްބާތުއާއި، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސް ޓެކްނޮލޮޖީ އެންޑް ސްޕެޝަލް އެންވޯއީ އޮފް ކްލައިމެޓް ޑރ. ސުލްތާން އަލް ޖާބިރުއާއި، ޔުނިވަރސިޓީ އޮފް ބަރމިންހަމްގެ ޗާންސެލާ ލޯޑް ކަރަން ބިލިމޮރާއާއި، އިގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމޮންވެލްތު ލޯޑް އަހްމަދް އޮފް ވިމްބްލެޑަން އާ ބައްދަލުކޔރައްވާފަ އެވެ. މީގެ އިތުރުން ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް ސީވް ޕެނިއުއާއި، ޕެސިފިކް އައިލެންޑް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ހެންރީ ޕޫނާއާއި، ޔޫ.އެން.އެފް.ސީ.ސީ.ސީގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯޒާއާއި، ކެނެޑާގެ ޕްރިމިއަރ އޮފް ނިއުފައުންޑްލެންޑް އެންޑް ލެބްރަޑޯ އެންޑްރޫ ފޫރޭ އާވެސް ބައްދަލުކުރައްވާފައި ވެއެވެ. ހަމަމިއާއެކު ޝާހިދު ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ޒުވާނުންނާއެކު ރައުންޑްޓޭބަލް ޑިސްކަޝަންއެއް ބާއްވަވާފަ އެވެ. އަދި ޔޫ.އޭ.އީ އާއި ދިވެހިރާއްޖޭގެ ޒުވާނުންގެ މަންދޫބުންނާއި ބައްދަލުކުރައްވާފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ޕެނަލްގެ އަންހެން ސައިންޓިސްޓުންނާއެކު ބައްދަލުކުރައްވާ މޫސުމީ ސައިންސާއި ސިޔާސަތުތައް ކަނޑާއެޅުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
3 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ އެއޯސިސް ލީޑާސް ޑައިލޮގްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އިތުބާރުހުރި އަދި އެކަށީގެންވާ މާލީ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ޝާހިދު ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ޖަންގަލިތަކުން ބޮޑެތި ގަސް ކެނޑުން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމުން އެކަމަށް މަރުހަބާ ދަންނަވާފަ އެވެ. ހަމަ އެފަދައިން 2030 ވަނަ އަހަރު އަންނަންވާއިރަށް މީތެން ގޭސް ބޭރުކުރާ މިންވަރު 30 އިންސައްތައަށް ދަށްކުރުމަށް ވެފައިވާ ވަޢުދަށް މަރުޙަބާ ވިދާޅުވެ، މިއީ 1.5 ލަނޑުދަނޑި ދެމެހެއްޓުމަށް ޓަކައި ބިނާކުރަނިވި އަދި ހަރުދަނާ ފިޔަވަޅުތަކެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ. މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ ބައެއް މީޑިއާތަކާ ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ ޕީ.އެސް.އެމް، ޑޮއިޗޭ ވެލަ، އަލްޖަޒީރާ، ބްލޫމްބާގް، ސްކައި ނިއުސް އަރަބިއާ، ދުރްދަރްޝަން ނިއުސް އަދި ސީއެންބީސީ ހިމެނެ އެވެ. ޝާހިދު ވަނީ ‘ނެޓް ޒީރޯ ވޯލްޑް’ ޑޮކިއުމެންޓްރީގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޝާހިދު ވަނީ ކޮޕް26 ގައި އާއްމުންނަށް ހުޅުވާލާފައި އޮތް ގްރީން ޒޯން އަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭ ވައިރަލް ވީޑިއޯއެއް ހެދި ދިވެހިރާއްޖެއަށް ނިސްބަތްވާ އަލްމާންއާ ބައްދަލުކުރައްވާފަ އެވެ. ނެގޯސިއޭޝަންތަކާއި ކޮޕް26 އާ ގުޅޭގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ ގްލަސްގޯއިން ފުރަނީ ނުހަނު ގިނަ އުއްމީދުތަކަކާއި އެކުގައި ކަމަށާއި ކޮޕް26 އިން 1.5 ގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރެވެންހުރި ކަންކަން ބުނެދީ އެކަމަށް މަސައްކަތްކުރުމަށް ރައްޔިތުންނަށް ބާރުއަޅަން ޖެހޭ ކަމަށެވެ. “މިކަންކުރުމުގައި ވީހާވެސް އަވަހަށް ކުރަންޖެހޭކަން ރައްޔިތުން ގަބޫލުކުރޭ، އަދި މިކަމަށް ސާފު މަގެއް، ޓައިމްލައިނެއް އޮތްކަން އެނގެން އެބަޖެހޭ. މިކަންކަން ހާސިލްވާކަން ފެންނަހެން އެބަހީވޭ. ޑީފޮރެސްޓޭޝަން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމާއި، މާލީ އެހީތެރިކަމާއި އެޑެޕްޓޭޝަންއާއި ނެޓް ޒީރޯ ޓާގެޓްފަދަ ކަންކަމަކީ މިކުރާ މަސައްކަތް ކުރިއަށް ދާކަމުގެ ހެކިތައް.” ޝާހިދު ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!