ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް -- ފޮޓޯ: ރައީސް އޮފީސް

3.3 މިލިއަންގެ ބަދަލެއް ދޭން ޕީއެސްއެމްއަށް ހުކުމްކޮށްފި

އަމިއްލަ ކުންފުންޏަކުން ކޮށްދީފައިވާ މަސައްކަތުގެ ބަދަލަށް 3.3 މިލިއަން ރުފިޔާ ދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ އޮކްޓޫބަރު 3، 2019 ގައި ޖޭއެމްޖޭ އިންވެސްޓްމެންޓްގެ ވެރިޔާ، ޔާސިރާ ޔޫސުފް ޕީއެސްއެމްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ޕީއެސްއެމްއާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ރޭޑިއޯ ބިލްޑިން އިމާރާތުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ އެ ފައިސާ ހޯދުމަށެވެ.

މި މައްސަލައިގައި ޔާސިރާގެ ފަރާތުން އެދިފައި ވަނީ ޖޫން 20، 2018 އިން ސެޕްޓެމްބަރު 30، 2018ގެ ނިޔަލަށް ޕީއެސްއެމްއިން ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ކޮށް ނިންމާފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ 3.3 މިލިއަން ރުފިޔާ ހޯދައިދިނުމަށެވެ.

މި ދައުވާއަށް ޖަވާބުދާރީވަމުން ޕީއެސްއެމްގެ ފަރާތުން ބުނެފައިވަނީ އެ މަސައްކަތްތަކަކީ ކޮންމެވެސް ފަރާތަކުން ކޮށްދީފައިވާ މަސައްކަތްތަކެއް ނަމަވެސް އެއީ ސީދާ ޖޭއެމްޖޭއިން ކޮށްދީފައިވާ މަސައްކަތްތަކެއްކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށެވެ. އަދި ބަދަލު ހޯދަން އެދިފައިވާ އަގަކީ އެ މަސައްކަތްތަކާ އެކަށޭނަ އަގެއް ވެސް ނޫން ކަމަށެވެ. އެކަމަކު އެއީ އެ ކުންފުނިން ކޮށްދީފައިވާ މަސައްކަތްތަކެއް ކަން ޝަރީއަތަށް ސާބިތުކޮށްދީފިނަމަ އަދި އެ މަސައްކަތަށް އެކަށީގެންވާ އަގެއް ކަނޑައަޅައެޅިއްޖެނަމަ، އެ ފައިސާ އެ ކުންފުންޏަށް ދޭނެ ކަމަށް ޕީއެސްއެމްގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ މަސައްކަތްކޮށްދީފައި ނުވާ ކަމަށް ޕީއެސްއެމްއިން ހިލާފުވެފައި ނުވާ ކަމަށެވެ. އަދި ޔާސިރާގެ ފަރާތުން ހުށަހެޅި ދެ ޝަފަވީ ހެކިންގެ ހެކިބަހުން ވެސް އެ މަސައްކަތް ކޮށްދިނީ ޖޭއެމްޖޭއިން ކަން އެނގޭ ކަމަށެވެ.

ހެކިވެރިންގެ ހެކިބަހަށްފަހު އެއީ ޖޭއެމްޖޭއިން ކޮށްދީފައިވާ މަސައްކަތްތަކެއްކަން ގަބޫލުކުރާ ކަމަށް ޕީއެސްއެމް އިން ބުނެފައިވާ ކަމަށްވެސް ހުކުމްގައިވެ އެވެ. އަދި ކުންފުނީގެ ފަރާތުން ހޯދަން ހުށަހަޅާފައިވާ އަގަކީ މަސައްކަތަށް އެކަށީގެންވާ އަގެއް ނޫން ކަމަށް ޕިއެސްއެމް އިން ބުނި ނަމަވެސް އެ ނޫން އަގަކަށް އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން އެ ފައިސާ އަކީ ޕީއެސްއެމްއިން ޖޭއެމްޖޭ އަށް ދޭން ޖެހޭ ފައިސާ ކަމަށް ކަނޑައަޅައިގައި، 3.3 މިލިއަން ރުފިޔާ ހަތަރު މަސް ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!