ޑަބްލިއުޓީއެމް ލަންޑަން 2021 ފެއާގެ ތެރެއިން ---

ވިޒިޓް މޯލްޑިވްސްއިން “ޑަބްލިއުޓީއެމް ލަންޑަން 2021″ގައި ބައިވެރިވެއްޖެ

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 58 ކުންފުންޏަކާއެކު ވިޒިޓް މޯލްޑިވްސްއިން “ޑަބްލިއުޓީއެމް ލަންޑަން 2021″ގައި ބައިވެރިވެއްޖެއެވެ. ޑަބްލިއުޓީއެމް ލަންޑަން 2021 އަކީ ދުނިޔޭގައި ކުރިއަށް ގެންދާ ފަތުރުވެރިކަމުގެ ވިޔަފާރިއާ ގުޅޭ އެންމެ ބޮޑު ފެއާތަކުގެ ތެރެއިން އެއް ފެއާއެވެ. މި ފެއާ ކުރިއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މީގެ 41 އަހަރު ކުރިން، 1980އިން ފެށިގެން ކުރިއަށް ގެންދާ މި ފެއާގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ އަދި ލިބިގަންނަ ގިނަ މީހުން އެއްތަނަކުން ބައްދަލުކޮށް، އެމީހުންގެ މެދުގައި ގުޅުން ބަދަހި ކުރުވުމެވެ. މި އަހަރު މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލައިފައި އޮތްއިރު ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރުގެ ފިޒިކަލް އިވެންޓް ކެންސަލް ކުރަން ޖެހުނެވެ. މިއަހަރުގެ ފެއާގައި ރާއްޖޭގެ ފަރާތުން ވިޒިޓް މޯލްޑިވްސްއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 58 ކުންފުންޏަކުން، 104 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ފެއާގައި ރާއްޖެއިން ބައިވެރި ވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައްވެސް ހިއްސާ ކުރުމެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތު ހިއްސާ ކުރުންވެސް ހިމެނެއެވެ. އަދި މި ފެއާއަށް ޒިޔާރަތް ކުރި ފަރާތްތަކަށް ވަނީ ރާއްޖޭގެ ޓްރެވަލް ގައިޑްލައިންވެސް ހިއްސާކޮށްފައެވެ. މި ފެއާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހިދުމަތްތަކާއި އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އަދި މި ފެއާގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 150 ފަރާތަކާއި ބައްދަލުވުމުގެ ފުރުސަތު ރާއްޖޭގެ ކޮންޓިންޖެންޓަށް ލިބުނެވެ. މި އަހަރުގެ ޑަބްލިއުޓީއެމް ލަންޑަނަށް ރާއްޖެއިން ހެދި ސްޓޭންޑަކީ މިހާތަނަށް ރާއްޖެއިން މި ފެއާއަށް ހަދާފައިވާ އެންމެ ބޮޑު ސްޓޭންޑެވެ. އެގޮތުން 609 މީޓަރު ހުރި މި ސްޓޭންޑުގައި ރާއްޖޭގެ ގުދުރަތީ ރީތީކަން ދައްކުވައިދީފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވި ޕާޓްނަރުންނަށް ވަނީ ބޭރުގެ ފަރާތްތަކާ އެކު ވަކިވަކިން ބައްދަލުކުރުމުގެ ފުރުސަތު ލިބިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތު ބައިނަލްއަގްވާމީ ގޮތުން އިޝްތިހާރު ކުރުމަށްޓަކައި ހާއްސަ ޕްރެސް ކޮންފަރެންސެއްވެސް ބޭއްވިއެވެ. މި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ސަން ސިޔާމު ރިސޯޓްސްގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ޒުލޭހާ މަނިކުއެވެ. މި ފެއާގެ އެންމެ ފަހު ދުވަހު ރާއްޖޭގެ ފަރާތުން ހާއްސަ ވީއައިޕީ ހަރަކާތެއް ކުރިއަށް ގެންދިޔައިރު މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ. މި ފެއާ ނިންމާލުމަށްފަހު ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ރާއްޖޭގެ މީޓިންސް، އިންސެންޓިވް، ކޮންފަރެންސަސް، އެގްޒިބިޝަންސް (މައިސް ޓޫރިޒަމް)އަށް ހުރި ފުރުސަތުތައް އިޝްތިހާރު ކުރުމަށް ރޯޑް ޝޯއެއް ބާއްވާފައެވެ. ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި ޑަބްލިއުޓީއެމް ލަންޑަން ފެއާގައި 5000 އެގްޒިބިޓަރުން ބައިވެރިވިއިރު 51،000 މީހުން އެ ފެއާއަށް ޒިޔާރަތްކުރިއެވެ. އަދި އެފެއާގެ މީޑިއާ ކަވަރެޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 3000 މީޑިއާއަކުން ބައިވެރިވިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!