މަފުއްޓަށް ދިވެހިންތަކެއް ޒިޔާރަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާފުށީގައި އެހެން ދީންތަކުގެ ދުވަސްތައް ފާހަގަކުރާތީ ކައުންސިލްގެ އިންޒާރެއް

ކ. މާފުށީގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބައެއް ބިންތަކުގައި އެހެނިހެން ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަކުރަމުން އަންނާތީ، ބިން ދޫކުރި އެއްބަސްވުން ބާތިލް ކުރާނެ ކަމުގެ އިންޒާރު ކައުންސިލުން ދީފިއެވެ. މާފުށީ ކައުންސިލުން ބުނީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ހުސްބިންތައް ބޭނުން ކުރުމުގެ އެއްބަސްވުމުގައި ޣައިރު ގާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ އެކަށީގެންނުވާ، ބޭއަދަބީ އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެ ކަމަށާއި އެފަދަކަމެއް ބިމުގައި ހިންގުމަށް އެހެން ފަރާތަކަށް ހުއްދަ ދީގެން ނުވާނެ ކަމަށް ބަޔާންކޮށް ކަނޑައަޅައިފައިވާނެ ކަމަށެވެ. ހަމައެހެންމެ މިގޮތަށް ދޫކޮށްފައިވާ ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގައި ދައުލަތުގެ ގަވައިދުތަކާއި ގާނޫނުތަކާ ހިލާފު ވާނަމަ އެކަމުގެ ޒިންމާ ބިން ނެގި ފަރާތުން ނަގަން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވާ ކަން ފާހަގަކޮށްފައިވެއެވެ. މާފުށީ ކައުންސިލުން ބުނީ އެއްބަސްވުމުގައި ސާފުކޮށް މިކަން ބަޔާންކޮށްފައި އޮތް ނަމަވެސް މި ބިންތަކުގައި އިސްލާމް ދީނާ ހިލާފު ކަންކަމާއި މުޖުތަމައު ބަލައިނުގަނެވޭ ފަދަ ކަންކަން ހިނގަމުން އަންނަ ކަމަށެވެ. އެގޮތުން އެކަން ކައުންސިލަށް ފާހަގަކުރެވިފައިވާއިރު، ރަށުގެ ރައްޔިތުންގެ ފަރާތުން އެކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ކައުންސިލުން ފާހަގަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި ކައުންސިލްގެ ހުއްދަ ނެތި ބިންތަކާއި އިންވެގެންވާ މަގުތައް ބަންދުކޮށް، އިސްލާމް ދީނަށް ފުށޫއަރާ އެހެނިހެން ދީންތަކުގައި ފާހަގަކުރާ ބައެއް ދުވަސްތައް ފާހަގަކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ނަމާދު ވަގުތުތަކުގައްޔާއި މެންދަމު 12 ގެ ފަހުން އަޑުގަދަކޮށް ބާރަށް ލަވަ ޖަހައި މައްސަލައާއި އިސްލާމީ ރިވެތި އަހުލާގުގެ ބޭރުން މި ބިންތަކުގައި އަމަލު ހިންގަމުން އަންނަ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. ކައުންސިލުން ވަނީ މިފަދަ އަމަލުތައް ހުއްޓާލުމަށް ގޮވައިލައިފައެވެ. އަދި ބިން ދޫކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމެއް ކުރުމުގެ ކުރިން ކައުންސިލުން ހުއްދަ ހޯދުމަށް ވެސް އެދިފައެވެ. މި ކަންކަމާ ހިލާފުވާ ފަރާތްތަކުގެ ބިން ދޫކުރި އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ. “މިނޫން ގޮތަކަށް ބިންތަށް ބޭނުންކުރާނަމަ އެއްބަސްވުމުގެ އެއް ވަނަ މާއްދާއިން މި ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެއްބަސްވުން ބާތިލްކުރާނެކަމުގައި ދަންނަވަން،” ކައުންސިލުން ބުނެފައިވެއެވެ. މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސްތަކާއި ލޯކަލް ޓޫރިޒަމް ވެސް ހިންގަމުން އަންނަ ރަށެކެވެ. މީގެ ކުރިން ވެސް މާފުށީގައި އެހެން ދީނެއްގެ މުނާސަބަތެއް ފާހަގަކުރާ ބައެއް ތަކެތި ރަށު ތެރޭގައި ބަހައްޓައިގެން ފާހަގަކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި އެހެން ދީންތަކުގެ ދުވަސްތައް ރަމްޒުކޮށްދޭ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!