ލޯފަން ކުދިންގެ ޖަމްއިއްޔާ، ބްލައިންޑް އެންޑް ވިރުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މާލޭގައި ކުރިއަށް ގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހޯމް މިނިސްޓްރީ

“ނުކުޅެދޭ ކުދިންނަށް އަޅާލާނެ ގާބިލްކަން އެބަހުރި”

ނުކުޅެދުންތެރިކަން ހުރި ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ލޯފަން ކުދިންގެ ޖަމްއިއްޔާ، ބްލައިންޑް އެންޑް ވިރުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މާލޭގައި ކުރިއަށް ގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މުޖުތަމައެއްގެ ބަދަހިކަމާ އުފާވެރިކަމާއި، ދުޅަހެޔޮކަން ވަޒަން ކުރުމުގެ އެންމެ މުހިންމު މިންގަނޑަކީ އެމުޖުތަމައެއްގައި ދިރިއުޅޭ އެހެން އަފްރާދުންނާ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުޖުތަމައަކުން ލިއްބައިދޭ އެހީތެރިކަމާއި އޯގާވެރިކަމާއި އުފާވެރިކަން ކަމަށެވެ.

އެ ކޭމްޕުން ލިބުނު ތަޖުރިބާގެ ބޭނުން ކޮށްގެން އެފަދަ ގިނަ ކޭމްޕްތައް ބާއްވަން ޖެހޭ ކަމަށާއި ނުކުޅެދުންތެރިކަން ހުރި އެހެން ކުދިންގެ ހާލަތާމެދު ވިސްނައި އެކުދިންނަށްޓަކައި ވިސްނައި މުޖުތަމައާއި ސަރުކާރާ އަދި ހާއްސަކޮށް ޖަމްއިއްޔާތައް ގުޅިގެން ކޮށްދޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅަށް އޮގަނައިޒް ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ތަފާތު ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުންވަނީ އެކަންކަން ރަނގަޅަށް ތަރުތީބުކޮށްގެން ހިންގުން ކަމަށެވެ.

“އެކުދިންނަށް ޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނާ ހުނަރު ދީގެން، މުޖުތަމުގަ ބޭނުންހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ.” މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އިސްނަގައިގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ތަރުތީބުވެގެން ހާއްސަކޮށް ޔޫތް މިނިސްޓްރީން އެމަސައްކަތައް އިތުރަށް ސަމާލުކަމެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވަނީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗްކޮށްދެއްވުމުގެ އިތުރުން އެޖަމްއިއްޔާގެ މަދަހަ އަލްބަމްވެސް ނެރެދެއްވާފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!