ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- މަޖިލިސް

އިކްރާމް ދެއްކެވީ ކޮސް ވާހަކައެއް، އެމްޑީޕީއާ ގުޅުމެއް ނެތް

މާލެ ސިޓީ ކައުންސިލް އޮންނަން ނުޖެހޭ ކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެ އެމްޑީޕީގެ އިސް ވެރިން އޭނާއަށް ހޫނު ރައްދެެއް ދެއްވައިފި އެވެ. ސަމާލުކަން ހޯއްދަވަން މީގެ ކުރީންވެސް އޭނާ ދައްކަވާ ގިނަ ވާހަކަތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއެވެ.

މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައި ސަރުކާރު ހިންގާ ސިޓީގައި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީ ހިންގުން ކަމަށެވެ. އަދި ގްރޭޓާ މާލެ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.

އޭނާގެ ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ރައްދު ދެއްވާފައެވެ. ހަސަން ސިފަ ކުރެއްވި ގޮތުގައި އިކްރާމްގެ ވާހަކަތަކަކީ ލަދުވެތި ވާހަކަތަކެކެވެ. އަދި އޭނާގެ ޓްވީޓާއި އެ ހިޔާލަކީވެސް އެމްޑީޕީގެ ވިސްނުމާއި ސިޔާސަތު ނޫން ކަަމަށް ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު ވިދާޅުވި ގޮތުގައި އިކްރާމްގެ ވާހަކަތަކަކީ “ކޮސް” ވާހަކަތަކެކެވެ.

އެމްޑީޕީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފްވެސް ވަނީ އިކްރާމްގެ ވާހަކަތައް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ތޮއްޑޫ ދާއިރާގެ މެންބަރާއި މަޑަވެލީ ދާއިރާގެ މެންބަރުވެސް ވަނީ އިކްރާމްގެ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ.

އޭނާގެ ޓްވީޓަށް ވަރަށް ގިނަ އާންމުންވެސް ރުޅިވެރިކަމާއެކު ރައްދު ދިނެވެ. އަދި މަޖިލީހުގައި ތިއްބަވާ މިފަދަ މެންބަރުންނަށް ދައުލަތުން ކޮންމެ މަހަކު ބޮޑު ހަރަދެއް ކުރަން ޖެހޭތޯ ސުވާލު އުފެއްދިއެވެ.

އިއްޒަތް ނުލިބޭ ކަމަށާ މެންބަރުންނަށް ފަސޭހަ ކަމާއެކު ކަންކަން ވާންޖެހޭ ކަމަށް ވިދާޅުވެ މީގެ ކުރީން އެތައް ފަހަރެއްގެ މަތިން އިކްރާމް ވަނީ މެންބަރުންނާއި އާންމު ރައްޔިތުންގެވެސް ރުޅިވެރިކަން އަމާޒުވި އެތައް ވާހަކަތަކެއް ދައްކަވާފައެވެ. ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާއަކީ މެންބަރުން ދައްކަވަން ޖެހިވަޑައިނުގަންނަވާ ޒާތުގެ ވާހަކަތައް ދައްކަވާ މެންބަރެއްގެ ގޮތުގައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!