އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ --

ބާޢީންގެ ވާހަކަ ކިޔައިނުދޭން ނާންގަން: އެޑިއުކޭޝަން

ނޮވެންބަރު 3، 88 ގެ ހަމަލާ ރޭވުމުގައި އިސްކޮށް ތިބި ދިވެހީންނަކީ ބާޢީން ކަމަށް ދަރިވަރުންނަށް ކިޔައިނުދޭން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ނޮވެންބަރު ތިނެއްގެ ހަމަލާ ރޭވުމުގައި އިސްކޮށް ތިބި ދިވެހީންނަކީ ބާޢީން ކަމަށް ދަރިވަރުންނަށް ކިޔައިނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނިކޮށެވެ.

އެޑިއުކޭޝަނުން ބުނީ އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

“ގައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވާ ސިޔާސީ މަންފާ ހޯދުން މި މިނިސްޓްރީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،” އެޑިއުކޭޝަނުން ބުންޏެވެ.

ނޮވެންބަރު 3، 88 ގެ ހާދިސާއަށް މިއަދު 33 އަހަރު ވަނީ ފުރިފައެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުން ފަނޑުވެފައިވާ ކަމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ބޮޑެވެ. ހާއްސަކޮށް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން ނަސްރުގެ ދުވަހަށް ދޭ ސަމާލު ކަމާއި ހައިސިއްޔަތު ކުޑަކޮށްފައިވާ ކަމަށް ބައެއް މީހުން ދެކެއެވެ. ދައުލަތުން ހަރަދުކޮށްގެން ހިންގާ ޕީއެސްއެމް އިން މިއަދު ޕްރަގްރާމް ގައިޑް ރޭވީވެސް ނަސްރުގެ ދުވަހުގެ އެއްވެސް ޕްރަގްރާމެއް ނުހިމަނައެވެ. އާންމުންގެ ފާޑުކިޔުން ބޮޑުވުމުން ޕީއެސްއެމްއިން ފަހުން ވަނީ ލައިވް ކަވަރޭޖެއް ކުރިއަށް ގެންގޮސްފައެވެ. އަދި ކުރީން ނިންމި ނިންމުން ދިފާއުކޮށް އެތަނުގެ އެމްޑީ ވަނީ ނަސްރުގެ ދުވަހަކީ އެ ސްޓޭޝަންގެ ނަޒަރުގައި “ބީ ގްރޭޑް” ދުވަހެއް ކަމަށް ވިދާޅުވެ އަސާސެއް ނެތް ވާހަކަތަކެއް ދައްކަވާފައެވެ.

މިދިޔަ އަހަރުވެސް ނަސްރުގެ ދުވަހު އެ ދުވަހަށް ހާއްސަ ލަވަ ދެއްކުމާއި އެ ލަވައިގެ ބައެއް ކަޑިތައް އުނިކޮށްގެން ނޫނީ ނުދައްކަން އެންގި ކަމަށް ބުނާ ވާހަކަތަކެއްވެސް ފެންމަތިވިއެވެ. އެކަން އެ ސްޓޭޝަނުގެ މުވައްޒިފުން ޔަގީންވެސް ކޮށްދެއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!