ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: އަވަސްރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: އަވަސް

އޮކްޓޫބަރުގައި 142،066 ފަތުރުވެރިން ޒިޔާރަތްކޮށްފި

ނިމިގެން ދިޔަ އޮކްޓޫބަރު މަހު ފަތުރުވެރިންގެ ގޮތުގައި 142،066 މީހުން ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރި އަދަދަށް ވުރެ 56 ޕަސަންޓް އިތުރު އަދަދެކެވެ. އަދި މިއީ ކޮވިޑް ކުރިން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ ވެސް 0.1 ޕަސަންޓް އިތުރު އަދަދެކެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އަށް ޒިޔާރަތް ކުރި އަދަދަށް ވުރެ ވެސް 23.6 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަށް ޒިޔާރަތް ކުރީ 114،896 މީހުންނެވެ.

ސަރުކާރުން ކުރިން ކަނޑައެޅި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދިމާވި ތަފާތު އުދަގޫތަކާ ގުޅިގެން މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 22.7 ޕަސަންޓަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ ރާއްޖެ އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 18.6 ޕަސަންޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ މިދިޔަ އޮގަސްޓް މަހު އެވެ. އެ މަހުގެ ތެރޭގައި 143،599 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އެއް ދުވަހެއްގައި މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހު އައިސްފައިވަނީ 6،000 ފަތުރުވެރިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އަދި އަލުން ބޯޑަރު ހުޅުވީ ޖުލައި 15 ގަ އެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،000 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ރާއްޖޭގައި މިވަގުތު 695 ގެސްޓްހައުސް، 10 ޓޫރިސްޓް ހޮޓާ ހިންގަމުންދާއިރު 151 ރިސޯޓު ހުޅުވައިގެން ހިދުމަތްދެމުން ގެންދެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!