ބީއެމްއެލްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފި އެވެ. އަފްރާހް އަޙްމަދު (ހެޑް އޮފް ބޭންކިންގ ސޮލިއުޝަންސް) އަދި މޮރޮޓޯރިއަމް ޕްރޮޖެކްޓް ޓީމް ވަނީ 2020 ވަަނަ އަހަރުގެ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފަ އެވެ. ކޮވިޑް-19 ގެ ދުވަސްތަކުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވުނު ފަޚުރުވެރި ރެކޮގްނިޝަން އެވޯޑް ބޭންކުގެ 17 ޓީމަކަށް ވަނީ ލިބިފަ އެވެ. އަދި ޙައްވާ ޝީނިއާޒް އަދުނާން (ހެޑް އޮފް ލޯން ސަރވިސަސް) ވަނީ 2019 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފަ އެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް ކަމަށެވެ. އަދި މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ އެންމެންނަށް ވެސް ލިބޭ ނުހަނު އަގުހުރި ފިލާވަޅެއް ކަމަށެވެ. ” ކޮވިޑް-19 ގެ މުއްދަތަކީ ބޭންކަށާއި މުޅިގައުމަށްވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ އެއް ދުވަސްތައް. މި ދަނޑިވަޅުގައި މެދުނުކެނޑި ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ދެވަނައެއްނުވާ ލާމަސީލް މަސައްކަތްތަކެއް.” ޓިމް ސޯޔަރ ވިދާޅުވި އެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ނެވެ. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުން ނެވެ. ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދާދި ފަހުން ބޭންކުން ވަނީ ލޯންގް ސަރވިސް އެވޯޑް ދީފަ އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!