އަމިއްލަ ގައުމުގައި ދިރިއުޅުމުގެ ހައްގުން މަހުރޫމް ވެގެނެއް ނުވާނެ: ރައީސް

ދިވެހިންނަކީ އާބާދީގެ ގޮތުން މަދު އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ ގައުމެއް ކަމަށާއި، ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަމިއްލަ ގައުމުގައި ދިރިއުޅުމުގެ ހައްގުން އެއްވެސް ވަރަކަށް މަހްރޫމް ވެގެން ނުވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލި އަޅުއްވާލައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން ދިވެހިންނަށް ވެސް ދިރިއުޅެވޭނެ ރައްކާތެރި ތަނެއް ހައްގު ކަމަށެވެ. “އަޅުގަނޑުމެންނަކީ އަދަދުމަދު ބަޔަކަށް ވެސް ވެދާނެ، އެކަމަކު އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ނުރައްކަލެއް ނެތި، އަމިއްލަ ގައުމުގައި ދިރިއުޅުމުގެ ހައްގުން އެއްވެސް މިންވަރެއް އުނިވެގެން ނުވާނެ.” ރައީސް ވިދާޅުވިއެވެ. ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދުނިޔޭގެ ސަލާމަތާއި، ފާގަތިކަމާއި، އިޖްތިމާޢީ އަދި އިގްތިސޯދީ ތަރައްގީއަށް އޮތް ނުރައްކަލަކަށް ވާތީ، މިވަގުތަކީ ދުނިޔޭގެ އެއްބާރުލުމާއި އެކުވެރިކަމަށް އެންމެ މުހިންމު ވަގުތު ކަމަށެވެ. މީގެ އިތުރުން، ރާއްޖޭން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު ވަރަށް ކުޑަ ނަމަވެސް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯ ހާސިލްކުރުމަށް ރާއްޖެއިން ރާވާފައިވާ ރޭވުންތަކުގެ މައްޗަށް އަލި އަލުއްވާޅައި، އެހެން ގައުމުތަކުންވެސް އެފަދަ އަޒުމެއް ކަނޑަނާޅަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ރާއްޖެއާއި އެހެނިހެން ޖަޒީރާ ގައުމުތަކުގެ މޫސުމީ އެދުންތަކަށް ކޮމަންވެލްތުން އިޖާބަދޭކަން ފާހަގަކުރައްވައި، ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ފައިސާ ނުވަތަ “ކްލައިމެޓް ފައިނޭންސް” ފަސޭހައިން ލިބޭނެ ގޮތްތައް ހޯދުމުގެ މުހިންމުކަން އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރާ ހެދި، އެ ފައިސާ ފަސޭހައިން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި، ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބްގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު ރައީސް ވަނީ، ކޮޕް26 ގައި ނިންމާ ނިންމުންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ބަރޯސާވާކަމަށާއި، މި ހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅު ނިންމުންތައް ނިންމުމަށް ދުނިޔޭގެ ލީޑަރުންނަށް ރައީސް ވަނީ ބާރު އަޅުއްވާފައެވެ. “މިތަނުގައި އަދި މިހާރު ރަނގަޅު ނިންމުންތައް ނުނިންމިއްޖެނަމަ، ރާއްޖޭގެ މުޅި އާބާދީ ވެސް ހިމެނޭ ގޮތަށް، އިތުރު އެތައް ބިލިއަން ބަޔަކަށް ގެއްލުންވާނެ. އަޅުގަނޑުގެ ރައްޔިތުންގެ ދިރިއުޅުމާއި، އެމީހުންގެ އައިޑެންޓިޓީ އާއި، އެމީހުންގެ ގެދޮރު ނިގުޅައިގަނެވޭނެ. ރަނގަޅު ނިންމުންތައް ނިންމެވުމަށް އެދި ދަންނަވަން.” ރައީސް ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!