ގަލޮޅު ސުކޫލް -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ގަލޮޅު ސްކޫލް މައްސަލަ: ކުއްޖާ ފާހާނާއަށް ފޮނުވަން ހަވާލުކުރި ޓިޗަރާމެދު ފިޔަވަޅު އަޅައިފި

ގަލޮޅު ސުކޫލުގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ކުއްޖާ ފާހާނާއަށް ފޮނުވަން ހަވާލުކުރި ޓީޗަރާމެދު އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހްމަދު އަލީ “ސަން”އަށް ވިދާޅުވީ ޓީޗަރާމެދު ފިޔަވަޅު އެޅުމަށް މިހާރު ސްކޫލަށް އަންގާފައިވާކަމަށެވެ. “މިނިސްޓްރީން ވާނީ އަންގާފައި ސްކޫލަށް. މިހާތަނަށް ބެލި ބެލުމުން ޓީޗަރުގެ އިހުމާލު އޮތްކަމަށް ފާހަގަވެފައިވަނީ. އެންމެ ފަހުގެ އިންޒާރު ދިނުމަށް މިނިސްޓްރީން ވާނީ ސްކޫލަށް އަންގާފައި. ތަހުގީގު ހިނގަމުން އަންނަ މިންވަރަކުން އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނަން،” އަލީ ވިދާޅުވިއެވެ. “ސަން”އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޓީޗަރުގެ އިހުމާލު އޮތްކަމަށް ފާހަގަކޮށްފައިވަނީ ޓީޗަރަށް ކުއްޖާ ފާހާނާއަށް ފޮނުވުމަށް ހަވާލުކުރެވުނު މަސައްކަތު މީހާ ނޭނގުމުންނެވެ. އޭނާ އިތުރަށް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 63 އަހަރުގެ އަންހެން މީހާ މިހާރު ބަންދުން ދޫކޮށްލައިފައިވީ ނަމަވެސް އޭނާ އަލުން މަސައްކަތަށް ނެރުމަށް މިނިސްޓްރީން ގޮތެއް ނުނިންމާނެކަމަށެވެ. އަދި އެ ކަމުގައި ގޮތެއް ނިންމާނީ ސްކޫލުންކަމަށް ވިދާޅުވިއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ތަހުގީގު ނުނިމެނީސް މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް މަސައްކަތަށް ނެރުމަކީ ކުރާނެ ކަމެއް ނޫންކަމަށް އަހްމަދު އަލީ ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ބަޔާން ނަގައިފައިވާއިރު އޭގެ ތެރޭގައި އެ ސުކޫލުގެ އިސްވެރިން ވެސް ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!