ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ،

ފިޔަވަތި ފަޅާލާ އަނެއްކާވެސް ފުރާޅު މައްޗަށް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަން ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތީގެ ފުރާޅުތައް އަނެެއްކާވެސް ފަޅާލައި، އެ މަރުކަޒުގައި ތިބޭ ކުދިން ފުރާޅު މައްޗަށް އަރައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިޔަވަތީގެ ފުރާޅު ފަޅާލައި، އެ މަރުކަޒުގައި ތިބޭ ކުދިން ދަނީ ފުރާޅު މަތީގައި ހަރަކާތްތެރިވަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގައިވެސް، ފިޔަވަތީގައި ތިބޭ ކުދިންތަކެއް ވަނީ ފުރާޅު މައްޗަށް އަރާ، އެތަނަށް ބައެއް ގެއްލުން ދީފައެވެ. އެ ސަރަހައްދަށް ބައެއް އާންމުންވެސް ވަނީ ޖަމާވެފައެވެ. އެކަމާ ގުޅިގެން އޭރު ޖެންޑާ މިނިސްޓްރީން ބުނީ، އެކުދިންގެ ފަރާތުން ފެނުނު ބައެއް ކަންތައްތަކާ ގުޅިގެން، އެ މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން، ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ފިޔަވަތީގައި ތިބި ކުދިންނާއި މުވައްޒަފުންނާ ބައްދަލު ކުރެއްވިއެވެ. އެކަމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުގެ އިތުރުން، އާންމުންގެ އެތައް ބަޔަކު ވަނީ މިކަމުގައި ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ، ސަރުކާރަށް ފާޑު ކިއުންތައް އަމާޒުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!