“ރިހިވެލި ދަ ޑްރީމް” ގެ ނަމުގައި ހިންގަމުންދިޔަ ރިސޯޓުގެ ސަބް ލީސް އެއްބަސްވުން ބާތިލްކުރި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުގައި މިހާރު ކުރިއަށްދާ މި މައްސަލަ އަކީ ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ސޭވް ދަ ޑްރީމުން ރިހިވެލި ރިސޯޓު ހިންގަމުން ދަނިކޮށް މާހަލް އިން އެއްބަސްވުން ބާތިލްކުރީ ރަނގަޅު ކަމަށް ސިވިލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ އެވެ.
ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ސޭވް ދަ ޑްރީމްގެ ފަރާތުން ހައިކޯޓުގައި އެދިފައިވާތީ އެ އަމުރު ނެރެދެއްވާފައި ވަނީ ހައިކޯޓުގެ ފަނޑީޔާރުންގެ އާންމު މަޖިލީހުގެ ހަތް ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. މި ނިންމުމާ ހިލާފުވެފައި ވަނީ ފަނޑިޔާރު ހުސައިން މަޒީދު އެކަންޏެވެ.
ރިހިވެލި ދަ ޑްރީމްގެ ވެރިފަރާތަކީ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑެވެ. އެ ރިސޯޓު އަލުން ހިންގުމާ ހަވާލު ވަނީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ހިއްސާވާ ކުންފުންޏެކެވެ.
އެ މައްސަލަ ހައިކޯޓުގައި އޮއްވައި “ރިހިވެލި ރިސޯޓް މޯލްޑިވްސް” ގެ ނަމުގައި އެ ރިސޯޓު މިމަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ބީއެޗްއެކްސްގެ އޮފިޝަލަކު ކުރިން އަވަސް އަށް ވިދާޅުވެފައި ވަނީ އެ ކުންފުނިން ހަވާލު ވަނީ ހަމައެކަނި ރިސޯޓު ހިންގަން ކަމަށާއި ރިސޯޓުގެ ވެރިފަރާތަކީ އަދިވެސް މާހަލް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.
ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ސޭވް ދަ ޑްރީމުން ރިހިވެލި ރިސޯޓު ހިންގަމުން ދަނިކޮށް މާހަލް އިން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ސޭވް ދަ ޑްރީމުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި އެކު މާހަލްގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލް ކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށް ކަމަށެވެ.
އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލް ކުުރުމުގެ ހައްގު ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެ އެވެ.
މާހަލް ކުންފުނިން ބުނާ ގޮތުގައި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގައިވާ ގޮތަށް ހެޑްލީސް ރެންޓާއި، ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ދައްކާފައި ނުވާތީ އެވެ. ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު ނުދައްކައި އޮތް ކަމަށް ބުނެ އެވެ. މާހަލް އިން ދައްކާ ވާހަކަތަކާއި ސިވިލް ކޯޓުގެ ހުކުމަށް ބަލައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ރިހިވެލި ހިންގަން ސޭވް ދަ ޑްރީމަށް ދޫކުރި ހުއްދަ ވެސް ބާތިލު ކޮށްފަ އެވެ.