ކޮޕް26ގެ ހަވާސާގައި ރައީސް ސޯލިހް، ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސްކޮޕް26ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގެ ޗެއާ، ޝައިހް ހަސީނާއާ އެކު ރައީސް ސޯލިހާއި ރައީސް ނަޝީދު -- ފޮޓޯ: ރައީސް އޮފީސް

ކޮޕް26ގެ ވެރިންގެ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

ސްކޮޓްލެންޑްގެ ގްލަސްގޯގައި ކުރިއަށްދާ ކޮޕް26ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ފޯރަމްގެ މަޝްވަރާތައް ޗެއާ ކުރައްވާފައިވަނީ ޝައިޚް ހަސީނާ އެވެ. އަދި މި ފޯރަމްގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީސިއާ އާއި ސްކޮޓްލަންޑާއި އެހެން ބައެއް ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފޯރަމްގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ 48 މެމްބަރު ގައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގައި 1.2 ބިލިއަން މީހުން އަދި ކޮމަންވެލްތްގެ 54 މެމްބަރު ގައުމުގެ 2.5 ބިލިއަން މީހުން ތަމްސީލުކުރާ ގޮތަށް ބޭއްވުނު މިފަދަ މަތީ ފަންތީގެ ފުރަތަމަ ފޯރަމް ކަމަށެވެ.

މި ފޯރަމްގައި މިނިސްޓަރު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ހާލަތްތަކުގައި ރާއްޖެއިން އިސްކަންދޭނެ ކަންކަން ހިއްސާކުރައްވާފަ އެވެ. މި ފޯރަމްގައި ތަގުރީރު ކުރައްވަމުން ޝައުނާ ވިދާޅުވީ މި ދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތު ނަގާލެވެން އޮތް ދަނޑިވަޅެއް ނޫން ކަމަށާ މިއީ އެންމެން އެއްކަމަކަށް އެއްބަސްވެ އެކަންކަމަށް އަމަލުކުރަން ފަށަންވީ ވަގުތު ކަމަށެވެ.

މިނިސްޓަރު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ކަމަށް ލަފާކުރެވޭ ނާޒުކު ގިންތީގެ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭކަންވެސް ފާހަގަކުރައްވާފަ އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމަކީ 2009 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި އދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް15ގެ ކުރިން ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން އުފެއްދި ފޯރަމެެކެވެ. މިއަދު ބޭއްވި މަތީ ފަންތީގެ މި ފޯރަމަކީ ކޮޕް26 ގައި ކޮމަންވެލްތް ޕެވިލިއަންގައި ކުރިއަށްދާ ކޮމަންވެލްތް ފޯ ކްލައިމެޓް ސިލްސިލާގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!