ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގައި މިނިސްޓަރު ނަހުލާ ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ޓްރާންސްޕޯޓުގައި މުވައްޒަފުން މަދު ކަމަށް --- ފޮޓޯ: މަޖިލިސް

ހިދުމަތް ދިނުމަށް ދަތިވަނީ މުވައްޒަފުން މަދުވުމުން: މިނިސްޓަރު އައިޝާ

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދަނީ މުވައްޒަފުން މަދުވުން ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތްތައް ލަސްވާތީ އާންމުންގެ ކަންބޮޑުވުމާއި ގުޅިގެން މިއަދު ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް ހާޒިރު ކުރުމުންނެވެ.

ކޮމިޓީގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވަނީ ކޮވިޑްގެ ހާލަތުގައި އޮފީސްތަކުގެ ހިންގުން އޮންލައިންކޮށް ބަދަލުކޮށްގެން ހިދުމަތް ދެމުން ދިޔައިރު ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިކޮށް ހިދުމަތް ހޯދި މީހުންގެ އަދަދާއި ހިދުމަތް ދިން މީހުންގެ އަދަދު އޮޅުންފިލުއްވުމަށް ވެސް ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް އޮންލައިންކޮށް ޓްރާންސްޕޯޓުގެ ހިދުމަތަށް 9161 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 96 ޕަސަންޓް މީހަކަށް ހިދުމަތްދީ ފުރިހަމަކޮށްފައިވާ ކަމަށާއި ހަތަރު ޕަސެންޓް މީހުންނަށް އަދި ހިދުމަތް ނުދެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓުގެ ހިދުމަތަށް އެދެން ވެސް ރައްޔިތުންނަށް މިހާރު ފަސޭހަވާނެ ކަމަށާއި ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދަނީ މުވައްޒަފުން މަދުވުން ކަމަށެވެ.

“ހިދުމަތް ދޭން ތިބި މަދު މުވައްޒަފުންނާ މެދު ކަމެއް ގޯސް ވިޔަސް ފިޔަވަޅު އެޅޭކަށް ނޯވެ. ފިޔަވަޅު އަޅައިފިނަމަ މުވައްޒަފުން ވަކިކުރާ މިނިސްޓަރެއްގެ ގޮތުގައި ލޭބަލްވޭ” ނަހުލާ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހިދުމަތް ލަސްވެ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާތީ ކަމަށް ބުނެ ކޮމިޓީން ބައްދަލުކުރަން ސިޓީއެއް ލިބުމާ އެކު، ލަސްވަނީ ކޮން ކަމެއްތޯ އަދި ޝަކުވާތަކުގެ ތަފްސީލު ހޯދަން އެދިވަޑައިގަތް ކަމަށެވެ. އެކަމަކު ބައްދަލުވުމަށް ވަޑައިގަތް އިރު ވެސް އެ ކަމެއް އެނގިވަޑައިނުގަތް ކަމަށާއި އެކަން ސާފުވި ނަމަ ޖަވާބު ދެއްވަން ފަސޭހަވާނެ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތްތައް ލަސްނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ މުވައްޒަފުންގެ ދަތިކަމާ ހުރެ މިނިސްޓްރީން ދޭން ޖެހޭ ގިނަ ހިދުމަތްތަކެއް ދިނުމަށް ދަތިވާއިރު މުވައްޒަފުން ހޯދުމަށް ކުރާ މަސައްކަތް ސާފުކުރެއްވުމަށް ސުވާލުކުރައްވާފަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން އެއީ މިނިސްޓަރު އެދިވަޑައިގެން އައްޔަން ކުރެއްވި ބޭފުޅުންތޯ ވެސް އައްސަވާފަ އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސިޔާސީ ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ހިދުމަތްދޭ މުވައްޒަފުންގެ އަދަދު މަދުވުމުގެ މައްސަލަ ފިނޭންސް މިނިސްޓްރީއާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. މުވައްޒަފުން ނަގަން ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހުއްދަ ލިބުނު ކަމަށްވެސް ވިދާޅުވި އެވެ.

“ސިވިލް ސާވިސް މުވައްޒަފުން މަދުކަމުން، އެންމެ ގިނަ އެހީތެރިކަން ލިބެނީ، ސިޔާސީ މުވައްޒަފުންގެ ފަރާތުން،” މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީންދޭ ހިދުމަތް ލަސްވާތީ ކޮމިޓީއަށް މިނިސްޓަރު ނަހުލާ ހާޒިރުކޮށްފައިވާއިރު އެ އިދާރާގެ ހިދުމަތް ލަސްވާ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިފައިވުން ކަމަށް އެތަނުގެ މުވައްޒަފުން ބައެއް މުވައްޒަފުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!