ސިވިލްސާވިސްގެ އޮފީސް ހިންގާ ވެލާނާ ބިލްޑިން: އެސްޖީންގެ މަގާމަށް 34 މީހަކު އައްޔަނުކޮށްފި -- ފޮޓޯ: އަވަސް

34 ކައުންސިލަކަށް އެސްޖީން އައްޔަންކޮށްފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް 34 މީހަކު އައްޔަން ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިއަދު އައްޔަނުކޮށްފައިވަނީ އެއް ސިޓީ ކައުންސިލާއި ހަތަރު އަތޮޅު ކައުންސިލް އަދި 29 ރަށު ކައުންސިލެއްގެ އެސްޖީން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، އެސްޖީންގެ މަގާމަށް މީހުން ހޮވުމުގެ ޕްރޮސެސް ނިމި، މީހުން އައްޔަނު ނުކުރެވި ހުރި ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް، ކޮމިޝަނުން މީހުން އައްޔަނުކުރަމުން ގެންދާނެ ކަމަށެވެ.

ލޯކަލް ކައުންސިލްގެ އެސްޖީންގެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ ޖޫމް މަހުގެ 20 ވަނަ ދުވަހު ގައި ކޮމިޝަނުން ހުޅުވާލުމުން، އެ މަގާމުތަކަށް 511 ފަރާތަކުން ކުރިމަތިލި އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

އެކިއެކި ސަބަބުތަކާހުރެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން އިއިލާނުކުރެވުނު 75 ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގެ މަރުހަލާ މިހާރުވެސް ކުރިޔަށްދާ ކަމަށް ސިވިސް ސާވިސްއިން ބުނެ އެވެ

މިހާރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައިވާ މީހުނަށް މި މަހު އަށަކުން ދިހަޔަކަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވާނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!